މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓަކުން އެކަން ހާމަކުރައްވާފައިވީނަމަވެސް ވާދަނުކުރައްވާ ސަބަބެއް ވިދާޅެއްނުވެއެވެ.
ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން އިއުލާން ކުރެއްވީ މިދިޔަ މާރޗް މަހު ތެރޭގައެވެ. އަދި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ގައުމު ސަލާމަތްކޮށް ގެއްލިގެންދާ މިނިވަންކަން ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ ވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ 1500 މީހުންގެ ސޮއި ވެސް ހަމަކުރައްވާފައެވެ.
ކޮންމެ 5 އަހަރަކުން އެއްއަހަރު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާއިރު، އެކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ.
މިހައިތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ސާލިހާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓްނާޒިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާޙިމް އެވެ.
މީގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑިޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ސެޕްޓެމްބަރު މަހު 30 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!