އެމެރިކާ ލީގްސް ކަޕްގެ ކުއާޓާ ފައިނަލުން މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ ޖާގަ ހޯދައިފިއެވެ.

އިންޓަ މިއާމީ އެމެރިކާ ލީގްސް ކަޕްގެ ގަދަ ސޯޅަ ބުރުގައި ރޭ އެފްސީ ޑާލާސްއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އިންޓަ މިއާމީ ކުއާޓާއިން ޖާގަ ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އިންޓަ މިއާމީންނެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ މެސީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑާލާސްއިން ވަނީ ދެ ލަނޑުޖަހައި ލީޑު ނަގާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކުއިނަންއެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައ ކާމިޔާބު ކޮށްދިނީ ކަމުންގޯއެވެ.

ދެވަނަ ހާފުގައި އިތުރު ލަނޑެއްޖަހައި ޑާލާސްއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެލަސްކޯއެވެ. މިއާމީއަށް ފަރަގު ކުޑަކޮށްދިން ލަނޑު 65 ވަނަ މިނެޓުގައި ސްރެމަސްޗީ ޖަހައިދިން އިރު، ޑާލާސްއިން ޖެހި ހަތަރުވަނަ ލަނޑަކީ 68 ވަނަ މިނެޓުގައި މިއާމީގެ ޓެއިލާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މިއާމީން ދެވަނަ ފަހަރަށް ފަރަގު ކުޑަކުރީ 80 ވަނަ މިނެޓުގައި ޑާލާސްގެ ފާފަން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 85 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ މެސީއެވެ. މިއީ މެސީ މިއާމީއަށް ޖަހައިދިން ހަތްވަނަ ލަނޑެވެ. މެސީ އެ ކުލަބާއި ގުޅުމުގެ ކުރިން އެ ޓީމް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ވަނީ ބަލިވެފައެވެ. ނަމަވެސް މެސީ ގުޅުމަށް ފަހު ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިއާމީން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައެވެ. ޑާލާސްއަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. ނަތީޖާއެއްގެ ގޮތުން މެޗުން މޮޅުވެ މިއާމީ ވަނީ މުބާރާތުގެ ކުއާޓާއިން ޖާގަ ލިބިފައެވެ.