ށ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއަދު އއ. އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ގެ ސަރުކާރަކީ އިންތިޚާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން މިފަދަ ޕްރޮޖކެްޓުތައް އިތުބާރާއެކި ނިންމަމުން ދާތީ ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މިއީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލޭޝީ" ބޭނުންކޮށްގެނެވެ.
މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލާނެއެވެ.
މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭއެވެ.
މަތި ކޮމަންޑޫ ހިއްކާ، ކޮމަންޑޫއާއި ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 249.90 މިލިޔަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!