ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

މީޑިއާ އަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގައި ހުރި ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ.

Ad
rt

"އެކުވެރި، ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގައި މާތް ﷲ ގެ ވާގިފުޅާ އެކުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތި ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ފާރިސްގެ ޓުވިޓާގައި އާންމު ކުރެއްވި ވީޑިއޯގައި ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރްއެމް އިން ވާދަކުރުމަށް ނިންމައި، އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ވަނީ ޕްރައިމަރީ ވެސް ބާއްވާފައެވެ. ޕްރައިމަރީއަށް ހުޅުވައިލުމުން ފާރިސް ގިނިކަންޏާ ކުރިމަތިލައްވައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވިނަމަވެސް، އެމްއާރްއެމް އަކީ އުވާލަން ނިންމާފައިވާ ޕާޓީއެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، ފާރިސް ގެންދެވީ އޭނާގެ ކެންޑިޑެސީ، އީސީ އިން ގަބޫލުނުކޮށްފާނެ ކަމަށް ބައްލަވައިގެންނެވެ.

އެހެންވެ، އަމިއްލަގޮތުން ވާދަކުރެއްވުމަށް ވިސްނަވައި 1،500 ސޮއި ވެސް ވަނީ ހޯއްދަވާފައެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފައެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯދާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހެވެ. އެހެންނަމަވެސް އޭނާގެ ރަނިންމޭޓަކީ ކޮންބޭފުޅެއްކަން މިހައިތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.