އިޓާލިއަން ލީގުގެ އެތުލާންޓާއަށް ކުޅެމުންއައި ޑެންމާކްގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެއެވެ.

އުމުރުން 20 އަހަރުގެ ހޮއިލުންޑް ޔުނައިޓެޑާއި ގުޅިފައިވަނީ 72 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުންނެވެ. މިއީ މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޔުނައިޓެޑުން ވަނީ އިންޓަ މިލާނަށް ކުޅެމުންއައި ކީޕަރު އޮނާނާގެ އިތުރުން ޗެލްސީއަށް ކުޅެމުންއައި މޭސަން މައުންޓް ގެނެސްފައެވެ.

Ad
rt

މިރޭ ޔުނައިޓެޑުން މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ފްރާންސްގެ ލެންސްއާއި ދެކޮޅަށް ކުޅެ 3-1 އިން މޮޅުވި މެޗު ފެށުމުގެ ކުރިން ވަނީ ހޮއިލުންޑް ސަޕޯޓަރުންނަށް ތަޢާރަފްކުރުމުގެ ގޮތުން ކުޑަ ހަރަކާތެއް ބާއްވާފައެވެ.

ޔުނައިޓެޑާއި ގުޅުމަށް ފަހު ހޮއިލުންޑް ބުނެފައިވަނީ ކުޑައިރުއްސުރެ އޭނާއަކީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށާއި މިއީ ސިއްރެއް ނޫންކަމަށެވެ. އަދި ޔުނައިޓެޑަށް ކުޅުމަކީ ދެކެމުންއައި ހުވަފެނެށް ކަމަށެވެ.

ހޮއިލުންޑް އިޓަލީގެ އެތުލާންޓާއާއި ގުޅިފައިވަނީ 2022 ވަނަ އަހަރުއެވެ. އޭނާވަނީ ފާއިތުވި ސީޒަންގައި އެތުލާންޓާއަށް ކުޅެދިން 34 މެޗުގައި 10 ލަނޑު ޖަހާފައެވެ.