މިއަަހަރުގެ ސެޕްޓެމްބަރު މަަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ހައުސިން މިނިސްޓަ، މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހަމަޖައްސައިފިއެވެ.

އެކަން ހާމަކުރައްވާ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏އޭނާގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމައިފި ކަމަށެވެ. އަދި އޭނާއަކީ ޒުވާން، ތައުލީމީ، ގާބިލް ހިދުމަތްތެރިއެއް ކަމަށެވެ.

Ad
rt

"‏މާތް ﷲ ގެ އިރާދަފުޅާ ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެނޑިޑޭޓެއް ހޮވުމަށް ޕީ.އެން.ސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، އަޅުގަނޑުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް." މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން ކަމަށާއި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން ކަމަށް ވެސް އޭނާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޕީއެންސީގެ ޓިކެޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއިި ވާދަކުރައްވައި، ކާމިޔާބު ހޯއްދަވައިގެންނެވެ.

ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީއެންސީ އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނެރުއްވާފައިވަނީ ކުރީގެ ރައީސް ޔާމީނެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެހެންކަމުން ޔާމީނަށް ވާދަ ނުކުރެވިދާނެފަދަ ހާލަތެއް އަތުވެދާނެކަމަށް ބަލައި، ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މުއިއްޒު އެއީ އެ ކޯލިޝަންގެ ބެކަޕް ޕްލޭނެއްގެ ދަށުން ތިންވަނަ ޕްލޭން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.