ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރުގައި ނާޒިމް ވިދާޅުވެފައިވަނީ 31 ޖުލައި 2023 ގައި އެމެރިކާ ސަރުކާރު (ޔޫ.އެސް. ޑިޕާރޓްމަންޓް އޮފް ދަ ޓްރެޝަރީ) އިން 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށްފައިވާ ކަމަށެވެ. އަދި އެފަރާތްތަކާއެކު މުއާމަލާތް ކުރުމަކީ އެ މުއާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމެއްކަން ކަނޑައަޅާފައިވާ ކަމަށެވެ.

Ad
rt

ނާޒިމްގެ ގަރާރުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ހިންގެވި 6 މެއި 2021 ގެ ހަމަލާގެ ޕާލިމެންޓަރީ އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުމުގެ އިތުރުން އެއިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށެވެ. އަދި އެ ރިކޮމެންޑޭޝަންތަކަށް ޢަމަލު ކުރެވިފައިވާ މިންވަރާއި ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްކޮށްފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅުއްވީ އެމެރިކާ ސަރުކާރުގެ ނިންމެވުމަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހީންނަށް ނޭދެވޭ އަސަރުކުރާނެ ނިންމެވުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށްފަހު، އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ދެކޭތީ ކަމަށާއި އެކަންކަން ބަލާ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރެއްވުމަށް ކަމަށް ވެސް އޭނާގެ ބަޔާނުގައި ވެއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ ހަކަތައެއް މިދުވަސްވަރު ހުރީ ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް ކަމަށްވާތީ، މި މަސައްލައާއި ގުޅިގެން އަދިވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ސަރުކާރުން ހާމަކަރައްވާފައި ނުވާ ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޭރުގެ މާލީ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެކަމަކު އެ ފަރާތްތަކާ މެދު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.