މިއަހަރުގެ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ އެމަނިކުފާނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައެވެ.

Ad
rt

ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު ހަވާލު ކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވިދާޅުވީ މިއަދު އިރުއޮއްސި 6:00 ގެ ކުރިން ކެންޑިޑެސީ ބަލައިގަތުމާއި ގުޅޭ ގޮތުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

އެގޮތުން ދާދި ދެންމެއަކު އީސީ އިން ނިންމާފައިވަނީ ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުން ކަމަށް އީސީ ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ އެ ކޮމިޝަނުގެ ގާނޫނީ ޓީމުން ކޮމިޝަނުގެ މެންބަރުންނަށް ދިން ގާނޫނީ ލަފަޔަކީ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެއްވެސް ކޯޓަކުން ބާތިލުނުކޮށް ދެމިއޮތުމުން ގާނޫނު އަސާސީގައި ބަޔާން ކުރާ އެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަމަށެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވި އެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ.

ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.