މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ރާއްޖޭގައި ގޭންގްތަކެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "އާސްކް ނާޒިމް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ "ގޭންގް" މިހެން ކިޔާހިތެއް ނުވާ ކަމަށާއި އެފަދަ ކުދިން އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އަދި މިފަދަ ކުދިން ތިބެނީ ކީއްވެތޯ، އެކުދިންނަށް އެހެން އެވަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ.

"މީގެ އެންމެ މުހިންމު ކަމަކަށް އަންނަނީ ސްކޫލް ދައުރުގައި އެބަ ޖެހޭ އައިޑެންޓިފައި ކުރަން ކޮބައިތޯ އަސްލުގައި މި އެންމެ ބޮޑަށް މިކަހަލަ ހަރަކާތްތަކަށް ގޮސްދާނެ ކުދިންނަކީ، އެ ކުދިން ދެނެގަނެ، އާލީ ސްޓޭޖްގައި އަޅުގަނޑު ބަލާނަން އެކަންކަން ހުއްޓުވުމަށް،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާއިލާތައް ރޫޅިގެންދާއިރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުދިން މަގުމައްޗަށް ދިއުމާއި، ދިރިއުޅުމަށް އަންނަ ބަދަލާއި އަހުލާގަށް އަންނަ ބަދަލުތައް ދެނެގަނެ މިކަހަލަ ކުށްތަކުން އެ ކުދިން ދުރަށް ގެންދިއުމަށްޓަކައި މަސައްކަތް އެމްއެންޕީގެ ސަރުކާރެއްގައި ކުރައްވާނެ ކަމަށެވެ.

އެކަހަލަ ގޭންގްއެއް އުފެދުމަށްޓަކައި، ފުރުސަތު ނުދިނުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ އޭގެ ތެރޭގައި ސްކޫލް ތެރޭގައި އެފަދަ މަގަކަށް ދާނެ ހެން ހީވާ ކުދިން ދެނެގަނެ، އެ ކުދިންގެ އުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.