މާލެ ސަރަހައްދުގައި ކުއްލިއަކަށް ރޯގާ ފެތުރުނީ ވައިރަހެއްގެ ސަބަބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިހެން ވިދާޅުވީ މި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ކުއްލިގޮތަށް، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް މާލެ ސަރަހައްދުގައި ފެތުރެމުންދާތީއެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގައި ހޮޑާއި ބޭރަށް ހިންގުން ފެތުރިގެން އުޅޭތާ ދެ ހަފްތާ ވެފައިވާ ކަަމަށެވެ. އަދި މިއީ ކޮންމެ އަހަރެއްގެ ވެސް ޗުއްޓީ ސީޒަނާއި ދިމާކޮށް ފެތުރޭ ވައިރަހެއް ކަމަށެވެ.

"މިއަދު ހެދި އެޕިޑެމިއޮލޮޖިކަލް ތަހުލީލުތައް ދައްކާގޮތުގަ އެއްފަހަރާ ގިނަބަޔަކަށް މި ބަލި ޖެހިގެން ދިޔައީ ވައިރަހެއްގެ ސަބަބުން ކަމަށް ބެލެވޭ." އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި ރޯގާ ކުއްލިއަކަށް އިތުރުވީ ނުވަތަ ފެތުރެން ފެށީ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 27 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ފުޅަނދުބުރުގައި ބައިވެރިވި ބައެއް ފުޅަނދުން ބެހި މެޓާތަކެއް ކައިގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ އެޗްޕީއޭ އިން ވިދާޅުވީ މިއީ ކާ އެއްޗެއް ނުވަތަ ބޯ އެއްޗެއްގެ ޒަރީއާ އިން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

މި ބަލި ކުއްލިއަކަށް ފެތުރެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ދަނޑިވަޅުގައި އާންމުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރޯގާގެ ސަބަބުން މާލޭގައި ހިންގާ ގިނަ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ބާރުބޮޑުވެފައިވާއިރު، އެކަމަށް ފަރުވާ ލިބޭ ބޭހާއި އެފަދަ އެ ނޫން ވެސް ތަކެތި ޚާއްސަކޮށް އޯއާރްއެސް ލޮނު ޕެކެޓު ހުސްނުވެ ލިބެންހުންނާނެ ކަމަށް ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އިން ވަނީ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ވެސް ރޯގާއަށް ބޭނުންވާ ބޭސްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯއިން ވެސް ވަނީ ދެއްވާފައެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، މިނިވަން ދުވަހގެ މުނާސަބަތުގައި ހުޅުމާލޭގައި ހުޅުވަން އޮތް "މިނިވަން އުފާ ކާނިވާ" ވެސް ވަނީ ފަހުގެ ތާރީހަކަށް ބަދަލުކޮށްފައެވެ.