މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު ކޯލިޝަން ނުހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމުމަކީ އެމްޑީޕީ އަށް ގޮންޖެހުމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ޖޭޕީ އާއި އަދާލަތާއި އެމްއާރްއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަން، މި ސަރުކާރުގެ އިތުރު ދައުރަކަށް އެމްއާރުއެމަށް ދިން ދައުވަތު ގަބޫލު ނުކުރުމަށް އެމްއާރްއެމް އިން ނިންމުމާއި ގުޅިގެންނެވެ.

Ad
rt

އިބުރޭ ވިދާޅުވީ ކޯލިޝަންގެ އިތުރު ދައުރަކަށް އެމްޑީޕީއާ އެކު ކުރިއަށް ނުދާން ނިންމުމަކީ އެ ޕާޓީއަށް އޮތް ހުރަހެއް ނޫން ކަމަށެވެ.

އެމްއާރްއެމް އިން އެމްޑީޕީ އާ އެކު ކޯލިޝަން ހަދަން ނިންމާފައި ނުވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ނުކުރޭތީ ކަމަށް ބުނެފައިވާތީ، އިބުރޭ ވިދާޅުވީ އެ ސިޔާސަތުތަކަކީ ރައްޔިތުން ގާތުން އަހައި، އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދިއުމަކީ ރައްޔިތުންގެ ސިޔާސަތުތައް ކަމުނުދިއުން ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދައުރަށް ވެސް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލަމުން އަންނަނީ ރައްޔިތުން ގާތުން އަހައި، އޮޅުންފިލުވައިގެން ރައްޔިތުން ބޭނުންވާ ހުށަހެޅުންތަކެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ދެ ވަނަ ދައުރެއް ކަށަވަރުކުރުން ކަމަށާއި ރައީސް ސާލިހަށް ބޮޑު ޕަސެންޓޭޖަކުން މި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.