20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފެތުންތެރިން ރެކޯޑުތަކެއް މުގުރާލައިފިއެވެ.
ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ، ފުކުއޯކާ 2023 ގައި މި ރެކޯޑުތައް މުގުރާލާފައިވަނީ ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ތެރޭގައި ހިމެނޭ، ހަމްނާ އަހުމަދު، އިމްއާން އަލީ، މިރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމް އެވެ.
ސްވިމިން އެސޯސިއޭޝަނުން ވިދާޅުވީ ހަމްނާ ރެކޯޑު ހަދާފައިވަނީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ކަމަށާއި އޭނާ ރެކޯޑު ހެދީ 1 މިނެޓް، 18.17 ސިކުންތުން ރޭސް ނިންމައިގެން ކަމަށެވެ. މި ރެކޯޑު ކުރިން އޮތީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި އައިޝަތު ސައުސަން އަތުގައެވެ. ސައުސަން، 100 މީޓަރު ބެކްސްޓްރޯކް އިވެންޓު ނިންމާފައިވަނީ 1 މިނެޓް، 18.58 ސިކުންތުންނެވެ.
ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އިމްއާން ގައުމީ ރެކޯޑު ހެދީ 1 މިނެޓް، 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޮތީ އާން ހުސައިން އަތުގައެވެ. 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ އެ ރެކޯޑު ހަދާފައިވަނީ 1 މިނެޓް، 05.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ރިހާންއާއި މިރާލް އައު ކޮށްފައިވަނީ އެ ދެ ފެތުންތެރިންގެ އަމިއްލަ ރެކޯޑުތައް ކަމަށް އެސޯސިއޭޝަނުން ވިދާޅުވެއެވެ.
އެގޮތުން ރިހާން 2022 ވަނަ އަހަރު އޭނާ ހަދާފައިވާ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު އައު ކުރީ 2 މިނެޓް، 32.93 ސިކުންތުން ރޭސް ނިންމައިގެން ކަމަށާއި މި ރެކޯޑު އޭނާއަތުގައި ކުތިން އޮތީ ދެ މިނެޓް، 34.06 އިވެންޓުން ރޭސް ނިންމައިގެން ކަމަށް ވެސް އެސޯސިއޭޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން މިރާލް ރެކޯޑު އައު ކުރީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓްގައި ކަމަށާއި އެއީ ތިން މިނެޓް، 5.69 ސިކުންތުން ރޭސް ނިންމައިގެން ކަމަށް ވެސް ވިދާޅުވެއެވެ. މި ރެކީޑު އޭނާގެ އަތުގައި ކުރިން އޮތީ މިއަހަރު ތައިލެންޑްގައި ބޭއްވި އިވެންޓްގައި ތިން މިނެޓް، 6.78 ސިކުންތުން ރޭސް ނިންމައިގެން ކަމަށް ވެސް ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!