ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެެއިން ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މި ބަލި ޖެހިފައިވަނީ ދިވެއްސަކަށް ކަމަށާއި މި ކޭސް ރެކޯޑު ކުރެވުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ ރާއްޖެ އިން ބޭރުން އައި ނުވަތަ އިމްޕޯޓެޑް ކޭސް އެއް ކަމަށެވެ.
މީގެ އިތުރުން އޭނާއަކީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށާއި އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހައިތަނަށް އެ ބަލި އެހެން މީހުންގެ ގަޔަށް އަރާ މުއްދަތުގައި އޭނާ ދަތުރުކޮށްފައި ވާތީ ދަތުރުމަތީގަ އާއި ގެއާއި ހޮސްޕިޓަލުން އޭނާ އަށް ދިމާވި މީހުން ދެނެގަތުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި އެކު ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުން އަދި ނޭފަތުން އަރިދަފުސް ފޭބުން ހިމެނެއެވެ. އަދި ލޯ ރަތްވުން ވެސް ހިމެނެއެވެ.
އެހެންކަމުން އެޗްޕީއޭ އިން ވަނީ އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުއެވެ. އެކަމަކު އޭގެ ފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާިއރު، 2020 ވަނަ އަހަރާއި މީގެ ތިން މަސް ކުރިން އައްޑޫން ވެސް ހިމަބިއްސަށް ކުޑަކުއްޖަކު ވަނީ ޕޮޒިިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!