އެމަންޒަރު ބަލަން ޔަޝްމީ އޮތީ ނުތަނަވަސްވެފައިވާ ހިތަކައިގެންނެވެ. ސޯފާއިން ތެދުވެ ބޮލުގައި ހުޅިއެއް ޖަހާލުމަށްފަހު ޔަޝްމީ ހާރޫންއާ ދިމާލަށް ހިނގައިގަތީ ނުހަނު މަޑުންނެވެ. އޭރުވެސް ހާރޫން އިނީ ދެލޯ މަރައިގެން އެ އިން ގޮތަށެވެ. ބައެއްފަހަރު އޭނާ ގިސްލާހެންވެސް ހީވެއެވެ. ޔަޝްމީ ގޮސް އެނދު ކައިރީ ހުއްޓުމާއިއެކު ހާރޫން ބަލައިލިއެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ބިރުގަނެފައި ހުރި ޔަޝްމީއަށް ސިހުން ލިބުނީ ކުއްލިއަކަށް ތެދުވެ ހާރޫން ޔަޝްމީގެ މެދުހަށީގައި އޮޅުލައިގަނެ ގިސްލާން ފެށުމުންނެވެ. އެއާއިއެކު ޔަޝްމީއަށް ހާރޫންގެ ދެއަތުގައި ހިފުނީ އަތް ނައްޓުވާލަން ބޭނުން ވެގެންނެވެ. ނަމަވެސް ގަދަކަމުން އަތް ނައްޓުވާލަން ނުކެރުނީ، ހާރޫން ޔަޝްމީގެ ގައިގައި ހިފަހައްޓާފައިވާލެއް ބާރު ކަމުންނެވެ.
ބޮޑުފިރެހެނެއް ގިސްލަގިސްލައިފައި އެވަރަށް ރޯ މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް ޔަޝްމީ ނުދެކެއެވެ. އެހެންކަމުން އޭނާގެ ހިތުގައި އިތުރަށް ބިރުވެރިކަން އުފެދެންފެށިއެވެ. ޔަޝްމީގެ ބަނޑުގައި މޫނު ޖައްސައިގެން ހުރެ ހާރޫން ރޮމުން ދިޔައެވެ. ދައްކަންވީ ވާހަކައެއް ނޭނގިފައި ޔަޝްމީއަށް ހުރެވުނީ ހުއްޓުންއަރާފައެވެ. އޭނާ އެހާ ވަރަށް ރޯންޖެހޭ ސަބަބެއް ޔަޝްމީއަކަށް ނުވެސް ވިސްނުނެވެ. ހާރޫންގެ އަޑު މަޑުވެ، އޭނާ ފުންކޮށް ނޭވާލާން ފެށުމުން އޭނާ ހަމައަކަށް އެޅެމުންދާހެން ޔަޝްމީއަށް ހީވިއެވެ. އެހެންކަމުން ޔަޝްމީ މަސައްކަތްކުރީ ހާރޫން އޭނާއާ ދުރުކޮށްލެވޭތޯއެވެ. ނަމަވެސް އޭގެ ކުރިން ހާރޫން އަމިއްލައަށް ޔަޝްމީއާ ދުރަށް ޖެހިލިއެވެ. އެއާއެކު ޔަޝްމީ ގޮސް ޑްރެސިންގޓޭބަލް މަތީގައި ހުރި ޓިޝޫފޮށި ގެނެސް ހާރޫންގެ އަތަށް ދިއްކޮށްލިއެވެ.
" ސޮރީ!"
މަޑުމަޑުން ހާރޫން ބުނެލީ ޓިޝޫއެއް ނަގަމުންނެވެ. ކޮންމެވެސް ކަމަކާ ހާރޫން ވަރަށް ބޮޑަށް ހިތްދަތިވެފައިވާކަން ޔަޝްމީއަށް އެނގެއެވެ. އެހެންކަމުން އަޅައިނުލާ ދާކަށް އޭނާއަކަށް ނުކެރުނެވެ. ހާރޫންގެ މޫނަށް ބަލަހައްޓައިގެން ހުރެ ތަންކޮޅެއް ދުރުގައި ޔަޝްމީ އިށީނދެލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވެސްވަނީ ހިތާމައިގެ އަސަރުތަކެވެ. ޔަޝްމީ އެއްޗެއް އެހުމުގެ ކުރިން ހާރޫން އަނގައިން ބުނަން އުޅޭހެން ޔަޝްމީއަށް ހީވިއެވެ. އެހެންކަމުން އޭނާ ފަރުވާތެރިކަމާއިއެކު ހާރޫންގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
" އަހަރެންގެ... މަންމަ ނިޔާވީ!"
އަތުގައި އޮތް ޓިޝޫ ވިނުވާލަމުން ހާރޫން އެހެން ބުނެލީ އަނެއް ފަރާތަށް އެނބުރިލަމުންނެވެ. އެހެން ބުނެލި އިރުވެސް އޭނާގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ.
" މަންމައޭ؟ ހާރޫންގެ މަންމަ؟ "
ޔަޝްމީއަށް ސިހުންލިބުނު ހިނދު އޭނާ ނުހަނު ދެރަވެސް ވެއްޖެއެވެ. ހާރޫންގެ މައިންބަފައިންނަކީ މުސްކުޅިވެ، ބަލިޙާލުގައި އެނދުމަތިވެފައި ތިބި ބައެއްކަން އެނގޭ އިރުވެސް އޭނާއަށް އެމީހުން ދެކިލަން ނުދެވުނީތީ މިއަދު ޔަޝްމީ ލަދުވެސް ގަތެވެ.
" ފަތިސްނަމާދަށްފަހު ވަޅުލީ! މަންމަ ނިޔާވި ވާހަކަ ބައްޕަގާތު ބުނީމަ ބައްޕަވެސް ރޮނީ.."
ހާރޫންގެ އަޑު ބެދިގެން ދިޔައެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ޔަޝްމީގާތު އެވާހަކަތައް ހިއްސާކުރަމުން ދިޔައީ ހިތަށް ލުޔެއް ލިބޭތޯއެވެ.
" އެކަމަކު.. ކީއްކުރާނީ؟ ބައްޕަގެ ދެލޮލަކަށްވެސް މިހާރަކު ނުފެނޭ! އެކަނި ނުވެސް ތެދުވެވޭ! އެހެންވެ... އެހެންވެ މަންމަ ހިނަވާގެއަށް ގެންދިޔައީ ބައްޕައަށް ނުވެސް ފެނި.. "
އެހިސާބަށް ބުނެވުމާއެކު އަނެއްކާވެސް ހާރޫންއަށް ރޮވުނެވެ. އެެހެންކަމުން އިން ތަނުން ތެދުވުމަށްފަހު ޔަޝްމީ ގޮސް ހުއްޓުނީ ހާރޫންގެ ކުރިމަތީގައެވެ. އެއާއިއެކު ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ހާރޫން އިސްޖަހާލިއެވެ.
" ހާރޫންގެ މަންމަ.. އަހަރެން ނުވެސް ދެކެން..."
ޔަޝްމީއަށް މަޑުމަޑުން ބުނެލެވުނެވެ.
" އެންމެ ފަހަރަކުވެސް މަންމަމެން ގާތަށް ގެންދާށޭ ބުނިންތަ؟ އަހަންނަށް އިސްވެ ގެންދަން ނުކެރުނީ ޔަޝްމީ އަހަރެންދެކެ އިންތިހާއަށް ރުޅި އަންނާތީވެ! އަހަރެންގެ މައިންބަފައިންގެ ވާހަކަ ޔަޝްމީ އަހައިވެސްނުލާ! އެހެންވެ... ޔަޝްމީ އެމީހުންގެ ޙާލު ބަލައިލަންދާން ބޭނުންވިނަމަ އަހަރެން އުފަލުން އެކަން ކުރީމުސް..."
ހާރޫން ދިން ޖަވާބުން ޔަޝްމީ ވަރަށް ދެރަވިއެވެ. އަދި އެހާމެ ލަދުވެސް ގަތެވެ.
" އަހަންނަށް މަޢާފްކުރޭ ހާރޫން! "
ޔަޝްމީ މަޢާފަށް އެދުމުން ހާރޫން އިސްއުފުލައި ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އޭރު ހާރޫންގެ ދެލޯވެސްވަނީ ރޮއިރޮއި ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި އޭނާގެ ކަޅުކަންގަދަ ދިގު އެސްފިޔަތައްވަނީ ތެތްވެފައެވެ. ހާރޫންގެ މޫނުމަތީގައިވާ އަސަރުތަކުން ޔަޝްމީގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫ ވެއްޖެއެވެ.
" އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސައިބަ! ބޭނުންވަނީ އަރާމުކޮށްލަން"
ހާރޫން އެހެން ބުނެ، އޮށޯވެލިއެވެ. އެއާއިއެކު އިތުރަށް މަޑުނުކޮށް ޔަޝްމީ ބާރުބާރަށް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭނާ ދިޔަގޮތަށް ގޮސް އައިސްއަލަމާރީގައި އޮތް ޖެލީއައިސްޕެކް ނަގާ، ތުވާލިގަނޑެއް އޮޅާލުމަށްފަހު ފިނިވާވަރު ބަލައިލިއެވެ. އެއަށްފަހު އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ އެނދުކައިރީ ހުއްޓުނެވެ. އޭރު އޭނާގެ ހިތްވެސްވަނީ ވަރަށް ބޮޑަށް އަވަސް ވެފައެވެ. ދެލޯ މަރާލައިގެން އޮތް ހާރޫންގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ޔަޝްމީ ކުޑަކޮށް ގުދުވެލިއެވެ. އަދި ދެލޯ މަރައިގެން އޮތް ހާރޫންގެ ބޮލުގައި އައިސްޕެކް ޖައްސާލިއެވެ. އެއާއިއެކު ސިއްސައިގެން ގޮސް ހާރޫންއަށް ތެޅިގަނެވި ބާލީހުން ބޯވެސް ހިއްލައިލެވުނެވެ. އެހިނދު ޔަޝްމީއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ހަށިގަނޑު ތެދު ކޮށްލެވުނީވެސް ނުހަނު އަވަހަށެވެ.
" ބޮބޮ.. ބޮލުގައި ރިއްސާވާހަކަ ބުނީމަ.. މީތި...މި އައިސްޕެކް އަޅާލަންވެގެން"
އުނދަގޫވެގެން ބަލާފަދަ ގޮތަކަށް ހާރޫން ޔަޝްމީއަށް ބަލައިލުމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން އަނެއްކާވެސް ދެލޯ މަރާލަމުން ބާލީހުގައި ބޯ ޖައްސާލިއެވެ.
" އޯކޭ ވާނެ ނޭޅިޔަސް.. މިވަގުތު ނިދާލަން ބޭނުންވަނީ! "
ހާރޫން އެހެން ބުނުމަށްފަހު ބިއްދަށަށް އެނބުރުނެވެ. ހާރޫންގެ އެ ޢަމަލުން ޔަޝްމީ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އެހެންކަމުން ހާރޫންއަށް ބަލަހައްޓައިގެން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. އެއަށްފަހު އަތުގައި އޮތް އައިސްޕެކަށް ބަލައިލެވުނެވެ. ދެރަވިވަރުން އޭނާ އިސްޖަހާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ހާރޫންއަށް ބޯ ހިއްލައި ބަލައިވެސް ލެވުނެވެ.
***
ވަރުބަލިކަމާއިއެކު ހާރޫންއަށް ހޭލެވުނު އިރު ގަޑިން ހެނދުނު ދިހައެއް ޖަހަނީއެވެ. އޭރުވެސް އޭނާ ބޮލުގައި ރިއްސައެވެ. ނަމަވެސް ހިތްވަރުކޮށްފައި ތެދުވެ އެނދުގައި އިށީނދެލީ ބޮލަށް އެނބުރުން އަރާގޮތް ވުމުންނެވެ. އެހެން އިނދެ އެއްލި ކަޅިއަކުން ދުރުގައި ހުރި ސޯފާގައި ނިދިފައި އޮތް ޔަޝްމީ އޭނާއަށް ފެނުނެވެ. ބިއްދޮށަށް އެނބުރި އޮތް ޔަޝްމީއަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ހާރޫން ތެދުވެ ފާޚާނާއަށް ވަނެވެ.
ނިދިފައި އޮވެ ޔަޝްމީއަށް ހޭލެވުނީ ފޯނަކުން ހާރޫން ވާހަކަ ދައްކާ އަޑަށެވެ. އޭރު ހާރޫން ހުރީ ލޯގަނޑު ކުރިމަތީގައި ޓައީ އަޅާށެވެ. ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ޔަޝްމީ އެނދާއި ދިމާއަށް ހިނގައިގަތެވެ. އޭރު ކޮޓަރީގެ އެއްކަނެއްގައި އިސްތިރިބޯޑު ނަގާފައި ހުރިތަންވެސް އޭނާއަށް ފެނުނެވެ. ދެންވެސް އޭނާއަށް ބަލައިލެވުނީ ހާރޫންއަށެވެ.
" މިހާރު ކިހިނެއްތަ؟ "
އޯގާތެރިކަމާއިއެކު ޔަޝްމީ އެހެން އަހާލުމުން ހާރޫންއަށް ހަރަކާތްތައް ލަސްކޮށްލެވުނެވެ. ނަމަވެސް އޭނާ ފަސްއެނބުރި ޔަޝްމީއަކަށް ނުބަލައެވެ.
" ކުރިއަށްވުރެ ރަނގަޅު!"
ހާރޫންގެ ޖަވާބު ކުރެވެ.
" މިއަދުވެސް ރިސޯޓަށް ދަނީތަ؟ ބައްޕަ ގާތަށް ދާންވީނު"
އަނބިމީހާގެ ފަރާތުން އޯގާތެރިކަމުގެ އެފަދަ ޖުމްލަތަކެއް އިވެމުންދާތީ ހާރޫންގެ ސިކުނޑިއަށް ލުއި ލިބުނުހެން އޭނާއަށް ހީވިއެވެ. ހިތަށް ހަމަޖެހުން ލިބުނުކަމުގެ އިޙްސާސްވެސް ކުރެވުނެވެ.
" ރިސޯޓުން އައިސް ބައްޕަ ގާތަށް ދާނަން. މިވަގުތު ބައްޕަގާތު ހުންނާނެ ނަރުހެއް . ބޭސްކައިގެން ބައްޕަ އޮތީ އަދިވެސް ނިދިފައި.."
ގަޔަށް ސެންޓް ބުރުވާލަމުން ހާރޫން ބުނެލިއެވެ. އޭރު މުޅި ތަނަށް ވެރިވެފައިވަނީވެސް އެ ސެންޓްގެ ވަހެވެ.
" ޝަހާނާ ޑޮކްޓަރަށް ދައްކަންދާން ބަލައި އަންނާނެ އޮފީސް ކުއްޖެއް! އޭނަ ހުރިހާ ކަމެއް ކޮށްދޭނެ! މެންދުރު ފަހު އެކެއް ޖަހާއިރަށް ތައްޔާރުވާން ބުނާތި"
ފޯނު ޖީބަށް ލުމަށްފަހު ގަޑި އަޅަމުން ހާރޫން ބުނެލިއެވެ. އޭރުވެސް އޭނާ ޔަޝްމީގެ މޫނަކަށް ނުބަލައެވެ. އެކަން ޚުދު ޔަޝްމީއަށްވެސް ފާހަގަ ކުރެވުނެވެ.
" އެއްވެސް އެއްޗެއް ނުކައިތަ ދަނީ؟ "
ހާރޫންގެ ޙާލަތަށް ވިސްނައި ޔަޝްމީއަށް އަހައިލެވުނެވެ. އޭރު ހާރޫން ހުރީ އަލަމާރި ކައިރީގައެވެ. ކަބަޑަކުން އިސްޓާކީނެއް ހިފައިގެން އައިސް އޭނާ ސޯފާގައި އީށީނދެލީ ޔަޝްމީގެ ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ.
" ކޮފީއެއް ހަދަންތަ؟ "
ލަސްލަހުން ހިނގާފައި އައިސް ޔަޝްމީ އެހެން އަހާލި އިރު ހާރޫން އިސްޓާކީނަށް އަރައިގެން ތެދުވެއްޖެއެވެ.
" ނޫނޭ! އެކޮޅަށް ގޮސް އެއްޗެއް ބޯލާނަން! "
ދޮރާއި ދިމާލަށް ހިނގައިގަންނަމުން ހާރޫން ބުނެލިއެވެ. މިއަދު ހާރޫންގެ އަމަލުތައް ހުންނަގޮތް ތަފާތުކަން ޔަޝްމީއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އެއީ އޭނާއަށް މިއަދު ދިމާވެފައިވާ ހިތްދަތި ކަމެއްގެ ސަބަބުން ވެދާނެ ގޮތެއްކަމުގައި ވިސްނާ ، ޔަޝްމީ ހުރީ އިތުރަށް އެކަމާ ނުވިސްނަން ނިންމައިގެ. ހާރޫން ނިކުމެގެން ދިޔުމުން ޔަޝްމީއަށް ސޯފާގައި އިށީނދެލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ. އެއާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ހާރޫންގެ އަލަމާރިއެވެ. ޔަޝްމީގެ ސާމާނުތައް އަޅަން ވަކިން އަލަމާރިއެއް ޚާއްސަކޮށްފައި ހުރުމުން، މީގެ ކުރިން ހާރޫންގެ އަލަމާރި އޭނާ ދުވަހަކުވެސް ހުޅުވާފައެއް ނުވެއެވެ. އެހެންކަމުން އެ އަލަމާރި އޭނާ ހުޅުވާލީ ހާރޫން ގެންގުޅޭ އެއްޗެހި ބަލައިލާހިތުންނެވެ. ފުރަތަމަވެސް އޭނާއަށް ލިބުނީ ހައިރާންކަމެވެ. އަލަމާރި ދޮރުފަތުގެ އެތެރެ ފަރާތުގައި މުޅިންވެސް ހިއްޕާފައި ހުރީ ކައިވެނިކުރި ދުވަހުގެ ފޮޓޯތަކެވެ. ޔަޝްމީއާ ހާރޫންގެ ފޮޓޯއެވެ. ގިނަ ފޮޓޯތަކުގައި ހާރޫންގެ ނަޒަރު މުޅިންވެސް ހުއްޓިފައިވަނީ ޔަޝްމީގެ މޫނަށެވެ. ހާރޫންގެ ދެލޮލަށް ޔަޝްމީއަށް ފުންކޮށް ބަލައިލެވުނެވެ. އެދެލޮލުން ފެންނަނީ ޔަޝްމީދެކެ އޭނާ ވާ ވަރުގަދަ ލޯތްބެވެ. އޭނާ ޔަޝްމީއަށް އެދޭވަރެވެ. ބޭނުންވާވަރެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ހާރޫންގެ މޫނުގައި އަތް ޖައްސާލެވުނެވެ. އިރުގަނޑެއް ވަންދެން ފޮޓޯތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ޔަޝްމީ އެނބުރިލިއެވެ. އެއާއިއެކު އޭނާއަށް ދެލޯ ކުޑަކޮށްލެވުނެވެ. ހާރޫންގެ ހުރިހާ އަންނައުނެއް ހުރީ އެގޮތް މިގޮތަށެވެ. ގަމީސްތަކާއި ޓައިތަކުގެ އިތުރުން ފަޓްލޫންތައްވެސް ހުރީ ތަރުތީބެއްނެތި ބޮނޑިކޮށްލާފައެވެ. ވަގުތު ބޭކާރު ނުކޮށް ޔަޝްމީ މަސައްކަތްފެށީ ހާރޫންގެ އަންނައުނުތައް ތަރުތީބުކުރާށެވެ. ވަގުތަކީ ޝަހާނާ އައިސް އެކޮޓަރިއަށް ވަތް ވަގުތެވެ. އޭރު ޔަޝްމީ ހުރީ އަލަމާރީގައި ހުރި، ހުރިހާ އެއްޗެއް އެނދުމައްޗަށް އަޅާލައިފައެވެ.
" ތީ ކޮންކަމެއް؟ "
އެތެރެއަށް ވަދެގެން އައި ޝަހާނާ އަވަސް އަވަހަށް އަހާލިއެވެ. އެއާއިއެކު ޔަޝްމީ ހީލިއެވެ.
" މިއުޅެނީ މި އެއްޗެހި އިސްތިރިކޮށްލަން... އެއްވެސް ކަމެއް ނުކޮށް އިންނަން ޖެހޭތީ އަހަރެން ވަރަށް ފޫހިވޭ!"
ޔަޝްމީ އެހެން ބުނި އަޑު ޝަހާނާ އެހި ހެންނެއްވެސް ހިއެއް ނުވެއެވެ. އޭނާ އެނބުރި އެނބުރިފައި މުޅި ކޮޓަރިތެރެ ޖާސޫސް ކުރަމުން ދެއެވެ.
" މާތްކަލާކޯ! ހާދަ ރީއްޗޭދޯ! ޔަޝްމީ މިހާރު ރަށަށްވެސް ދާހިތެއް ނުވާނެދޯ"
ޝަހާނާ ސޯފާގައި އިށީނދެލިއެވެ. އެއާއިއެކު ޔަޝްމީ އަނެއްކާވެސް ހީލިއެވެ.
" ދައްތަ ބަލައި އަންނާނެ ކުއްޖަކު.. ޑޮކްޓަރަށްދާން. ތައްޔާރުވައްޗޭ އެކެއް ޖަހާއިރު"
ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޔަޝްމީ އެހެން ބުނުމުން ޝަހާނާ ދެލޯ ބޮޑުވެގެން ދިޔައެވެ.
" ހާރޫން ބުނީ އެހެން ބުނެލާށޭ! އޭނަގެ މުވައްޒިފެއް އަންނާނެޔޭ ބުނީ! އެކުއްޖާއަށް އެނގޭނެޔޯ ހޮސްޕިޓަލްގައި އުޅެންވެސް
"
ޝަހާނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
" އާނ އެހެންވިއްޔާ އޯކޭ! އޭ ތިއެއް ނޫނޭ... ހާރޫންވެސް ހާދަ ރީއްޗޭ ދޯ މިހާރު"
ޝަހާނާ ޝައުޤުވެރިކަމާއިއެކު އެހެން ބުނުމުން ޔަޝްމީގެ ހަރަކާތްތައް ހުއްޓުނެވެ. އަދި ސުވާލުގެ ނަޒަރަކުން ޝަހާނާއަށް ބަލައިލަމުން ބުންޏެވެ.
" ދައްތައަށް އޭނަ ތި ފެނުނީ އަލަށްތަ؟"
" ނޫނެކޭ! ރަށުގައި އުޅުނު އިރު މިހާ ޒުވާން ހެންނެއް ހިއެއްނުވޭ! ދެންމެ އަހަރެން ސައިބޯން އިންދާ ހާރޫން ނިކުމެގެން އެދިޔައީ! ވަރަށް ފިޓްކޮށް ގަމީހެއް ލައިފައި ޓައި އަޅާ ބެގީކޮށްފައި ހުއްޓާ މި ފެނުނީ އަދި ކިރިޔާ!"
ޝަހާނާގެ ޖުމްލަތަކުން ޔަޝްމީގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
" އެހެންތަ؟ މިހާރު ހިއެއްނުވޭތަ ސާޅީސް އަހަރުގެ މީހެއް ހެންނެއް"
ގަމީހެއް ކޮނޑުގައި އަޅުވާލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ޝަހާނާ އާނއެކޭ ބުނެ ތެދުވެގެން ގޮސް އަލަމާރި ކައިރީ ހުއްޓި ފޮޓޯތަކަށް ބަލަން ފެށިއެވެ.
" ވާއު! މިއީ ކައިވެނިޕާޓީ އޮތް ރޭގެ ފޮޓޯދޯ! ވަރަށް ރީތި އިނގޭ"
ޝަހާނާ އެހެން ބުނުމަށްފަހު އައިސް އެނދުމަތީ އިށީނދެލިއެވެ. އޭރުވެސް އޭނާ ދިޔައީ އެތަން މިތަނަށް ނަޒަރު ހިންގަމުންނެވެ.
" ގޭތެރެ ފޮޅާ ސާފުކުރަނީވެސް ޔަޝްމީތަ؟"
އެއްފައި މައްޗަށް އަނެއްފައި އެއްލަމުން ޝަހާނާ ހަމަޖެހިލުމަށްފަހު އަހާލިއެވެ. އެއާއިއެކު ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ނޫނޭ! ކޮންމެ ދުވަހަކު ހަވީރު އަންނާނެ ގެ ސާފު ކުރަން މީހަކު.! އޭނަ އައިސް އެއްޗެހިވެސް ދޮންނާނެ! އަހަރެން ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ މިގެޔަކު"
ޝަހާނާ ދެބުމަ އެއްފަހަރާ ހިއްލާލިއެވެ.
" އެހެންދޯ! ދައްތަ އަދިވެސް ހަނދާން އެބަހުރި ހާރޫންދެކެ ލޯތްބެއް ނުވެޔޭ ބުނެގެން މަންމަ ޔަޝްމީގައިގަ ތަޅައިގަތް ދުވަސް! ދެން މިހާރު ޔަޝްމީއަށް އޭނަދެކެ ލޯބި ވެވިއްޖެތަ؟"
ޝަހާނާގެ ސުވާލުން ބޭއިޙްތިޔާރުގައި ޔަޝްމީއަށް ހިނިތުންވެލެވުނެވެ. އިސްތިރި ބޯޑުމަތީގައި އޮތް ހާރޫންގެ ގަމީހުގައި އޭނާއަށް އަތްޖައްސާލެވުނީވެސް އިޙްތިޔާރަކާ ނުލައެވެ. އެވަގުތު ހިތުގައި އާދަޔާ ޚިލާފް އޮއިވަރެއް އުފެދިގަތްކަމުގެ އިޙްސާސްވެސް ކުރެވުނެވެ.
"ނޭނގެ.. އެކުގައި މި އުޅެނީ ހަމަ"
ދެކޮނޑު އަރުވާލަމުން ޔަޝްމީއަށް ބުނެލެވުނީ ހިނިތުންވެ ހުރެއެވެ. އޭރުވެސް އޭނާ ދިޔައީ ހާރޫންގެ ގަމީހުގައި ލަސްލަހުން އިސްތިރި ކާއްތަމުންނެވެ. އެމަންޒަރު ބަލަން ޝަހާނާ އިނީ، އަނގަ އެއް އަރިއަކަށް އޮރިކޮށްގެން ފޫހި ވެފައެވެ.
" ލޯބި ވެވުނީދޯ! ހާދަ ހީވެޔޭ އެހެން.. ދެން ލޯބި ނުވިޔަސް ލޯބި ވެޔޭ ބުނަންވީނު! ގައިމު ޔަޝްމީ ތިއުޅެނީ މިނިސްޓަރެއްވެސް ނޫޅޭ ފެންވަރުގައި ވިއްޔަ! މަގޭ ޖާވިދަށް މިހާ ތަނަވަސްކަން ލިބުނު ނަމަ އަހަރެން މާލެ ކީއްކުރަން ރާއްޖޭގައިވެސް ނޫޅުނީމުސް.."
ޝަހާނާ އެހެން ބުނުމާއެކު ޔަޝްމީއަށް ބާރަށް ހޭންފެށުނެވެ.
" ދޮންބެ މުއްސަނދި ނުވާންވެސް އެ ހުންނަނީ އެހެންވެގެން ކަންނޭނގެ! ދައްތަ ގެއްލި ދާނެތީ"
ހެމުން ހެމުން ޔަޝްމީ ބުންޏެވެ.
" މުއްސަނދި ނުވިޔަސް.. ހަމަ ގެއްލި ދާނެދޯ! "
ޝަހާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދީ ޔަޝްމީ ހެމުން ދިޔައެވެ. އެމަންޒަރު ބަލަން ޝަހާނާ އިނީ ވިހަ ހިނިތުންވުމެއްގައެވެ.
****
އާދަޔާ ޚިލާފަށް ޔަޝްމީ ފޫހިވާ ދުވަހެކެވެ. އެހާ ވަރަށް ފޫހިވާންޖެހޭ ސަބަބެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. މީގެ ކުރިންވެސް އޭނާ ގޭގައި ގިނަވަގުތު ހޭދަކުރަނީ އެކަންޏެވެ. މުޅި ދުވަސް ފިލްމު ބެލުމުގައި ހޭދަކުރާ ޔަޝްމީ މިއަދު ފިލްމެއްވެސް ބަލައިލާ ހިތެއް ނުވިއެވެ. އެހެންކަމުން އިރުކޮޅަކު ސޯފާގައި އިނދެލުމަށްފަހު ބެލްކަންޏަށް ނިކުމެލާ ހެދީވެސް މިއަދު މާ ވަގުތު ދިގުހެން ހީވާތީއެވެ. ޝަހާނާވެސް ވީ ޑޮކްޓަރަށް ދައްކަން ގޮހެވެ. އެހެންކަމުން މިއަދު ގޭގައި އިތުރު މީހަކު ނޫޅެއެވެ. ދެފަހަރަކު އޭނާއަށް ފޯނު ބަލައިލެވުނީ ހާރޫންގެ ހަބަރެއް ވޭތޯއެވެ. ބެލްކަނީގައި ހުރުމަށްފަހު ހަވީރު ފަހެއް ޖަހާ ބޮޑުވުމުން ޔަޝްމީ ގޭތެރެއަށް ވަނެވެ. ވަގުތަކީ ހާރޫންވެސް ބޭރުން އައިސް ވަތް ވަގުތެވެ. އެއާއިއެކު ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ހާރޫން ބަލައިލި ވަގުތު ތުރުތުރު އަޅާ ތުންފަތަކުން ޔަޝްމީއަށް ހިނިތުންވެލެވުނެވެ. އޭރު އޭނާގެ ނޭވާވެސް ހުރީ ކޮންމެވެސް ވަރަކަށް އަވަސް ވެފައެވެ. ފަރުވާތެރިކަމާއިއެކު ހާރޫން ޔަޝްމީގެ މޫނަށް ބަލައިލުމަށްފަހު އެނބުރި ކޮޓަރިއަށްދާން ހިނގައިގަތީ އަނގައިން ބުނުމެއް ނެތިއެވެ.. އެ މޫނުމަތިން ޔަޝްމީއަށް މިއަދު ފެންނަނީ ބީރައްޓެހިކަމާއި އަޅާލުމެއް ނެތްކަމެވެ. އަދި ފަރުވާކުޑަކަމާއި ސަމާލުކަން ކުޑަކަމެވެ. އެހެންކަމުން ޔަޝްމީގެ ހިތަށް އުނދަގޫވިއެވެ. ހާރޫން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ޔަޝްމީވެސް މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ. ތުރުތުރުއަޅާ އަތަކުން މަޑުމަޑުން އޭނާ ދޮރު ހުޅުވާލި އިރު ހާރޫން ހުރީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ކަރުން ނެގި ޓައީ އޮތީ އެނދުމައްޗަށް އެއްލައިލައިފައެވެ. ލޯގަނޑުން އޭނާ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ، ގަމީހުގެ އަތުކުރީ ގޮށް ނައްޓާލިއެވެ. އޭރު ޔަޝްމީ ހުރީ ކޮޓަރީގެ މެދެއްހާ ހަމައިގައެވެ. ސީދާ ހާރޫންގެ ހަރަކާތްތަކަށް ބަލާށެވެ. ނަމަވެސް ހާރޫންގެ މާބޮޑު ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން ޔަޝްމީ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުމަތީގައި އޮތް ޓައީ ނެގިއެވެ. އަދި އަލަމާރިއާ ދިމާލަށް ހިނގައިގަތް ވަގުތު ހާރޫން އޭނާއަށް ގޮވާލިއެވެ. އެއަޑު ޔަޝްމީގެ ކަންފަތުގައި ޖެހުމާއިއެކު އޭނާ ހުއްޓުނެވެ. އަދި ހިނިތުންވެލަމުން ފަސްއެނބުރި ހާރޫންއަށް ބަލައިލިއެވެ.
" ޓައީ ބަހައްޓަންޖެހޭ ތަން އެނގޭނީ އަހަންނަށް! އެކަން އަބަދުވެސް ކުރަނީ އަހަރެން. އަހަންނަށްޓަކައި ތިޔަވަރުގެ ތަކުލީފެއްވެސް ޔަޝްމީ އުފުލާކަށް އަހަރެން ނޭދެން.."
މަޑުމަޑުން ހިނގާފައިގޮސް ހާރޫން ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. ޔަޝްމީއަށް ވަގުތުން އަތް ތިރިކޮށްލެވުނެވެ. އެއާއިއެކު ހާރޫން، ކުޑަކޮށް އަރިވެލާފައި ޔަޝްމީގެ އަތުގައި އޮތް ޓައީގައި ހިފިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެ، ޔަޝްމީއަށް ހިންދިރުވާލެވުނެވެ. ޔަޝްމީގެ ލޮލަށް ބަލައިލުމަށްފަހު ހާރޫން އެނބުރިގޮސް އެނދުމަތީގައި ޓައީ ބޭއްވިއެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ ހަރަކާތްތަކަށް ބަލާށެވެ. ޔަޝްމީއަށް ބެލުމެއްނެތި ހާރޫން ގޮސް ހުއްޓުނީ ފާޚާނާ ދޮރުކައިރީގައެވެ. ފަހަރަކު ގޮށެއް ނައްޓަމުން ގޮސް ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ގައިން ވަކިކޮށްލިއެވެ. އެއާއިއެކު ޔަޝްމީއަށް އަނެއްކާވެސް ހިންދިރުވާލެވުނެވެ. މިއީ އޭނާއަށް ހާރޫންގެ ރީތި ހަށިގަނޑު ފެނުނު ފުރަތަމަ ފަހަރެވެ. އޭނާގެ އަތުގެ ވަރުގަދަ މަސްގަނޑު ފެނުމުން އޭނާއަކީ ޤަވާއިދުން ކަސްރަތު ކުރާމީހެއްކަން ޔަޝްމީއަށް ޔަޤީން ކުރެވުނެވެ. ބައިމަތި ފުޅާ، އުނަގަނޑަށް ހިމަ އެ ހަށިގަނޑަކީ ފިޓްކޮށް ހުންނަން ބޭނުންވާ ކޮންމެ މީހަކުވެސް ހަށިގަނޑު ބައްޓަންކުރަން ބޭނުންވާނެ ގޮތެވެ. ގުދުވެލާފައި ހާރޫން، ދާވަށިގަނޑަށް ގަމީސް ވައްޓާލުމަށްފަހު ފާޚާނާއަށްވަނީވެސް ޔަޝްމީ ބަލަހައްޓައިގެން ހުއްޓައެވެ. ލޯމަތިން ހާރޫން ގެއްލުމާއިއެކު ޔަޝްމީއަށް ތިރީތުންފަތުގައި ދައިގަނެވުނީ ލަދުންނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ސިޓިންގރޫމަށް ނިކުމެ ޔަޝްމީއަށް ހުރެވުނީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާއަށް އިރުއިރުކޮޅުން ކޮޓަރީގެ ދޮރަށްވެސް ބަލައިލެވެއެވެ. އޭނާއަށް ނޭނގި ނަމަވެސް ހާރޫންއަށް އިންތިޒާރު ކުރެވެންފެށިއެވެ. އިރުގަނޑެއް ފަހެވެ. ހާރޫން ނިކުތް އިރު ޔަޝްމީ އިނީ ކާމޭޒު ކައިރީ ކޮފީއެއް ބޯށެވެ.
" ދަނީތަ؟ "
ހާރޫން ނިކުމެގެން ދިޔުމުގެ ކުރިން އަވަސް އަވަހަށް ޔަޝްމީ އެހިއެވެ. އެއާއިއެކު ހާރޫން ބޯޖަހާލީ ބޭރު ދޮރާއި ދިމާލަށް ދަމުންނެވެ.
" ބައްޕަ ކައިރިއަށް ދާއިރު އަހަރެންވެސް ގެންދަންވީނު! "
އާދޭހުގެ ރާގަކަށް ޔަޝްމީ އެހެން ބުނެލުމުން ހާރޫން ހީލަމުން ބަލައިލިއެވެ. އޭރު ހާރޫންގެ ޖަވާބަކަށް އެދި ޔަޝްމީ ހުރީ ކެތްމަދުވެފައެވެ.
" ބައްޕައަށް ލޮލަށް ނުފެނުނަސް ދައްކާ ވާހަކަ އަޑު އިވޭނެ! އެހެންވީމަ ބައްޕައަށް އަހަރެން ޔަޝްމީ ތަޢާރަފް ކޮށްދޭނީ ކީކޭ ކިޔާފައި؟ "
ހާރޫންގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ޙާލު ޔަޝްމީގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ.
" ތިއީ އަހަރެން އަނބިމީހާއޭ މިއަދު ބުނެފަ މާދަމާ ކީކޭ ބުނާނީ؟ "
ދޮރަށް ތަޅުދަނޑި ޖަހާލަމުން ހާރޫން އަނެއްކާވެސް ބުންޏެވެ. މިފަހަރު ޔަޝްމީއަށް ބަލައިލެވުނީ ދުރަށެވެ. ހާރޫންގެ މޫނަށް ބަލާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (29)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!