މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދެއްވަނީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމުގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނަ މިހެން ވިދާޅުވީ މިނިވަންދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.
ވަޒީރުގެ ހިތާބުގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދައި ޒަމާނީ ކުރުމާއި ގައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ. އަދި ތަމްރީނު ހޯދައިދިނުމަށް ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫން ކަމަށާއި އެއީ މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާއި ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފް ގާއިމްވުމާއި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަކީ ވެސް މިނިވަންކަމާއި ގުޅިފައިވާ ކަންކަން ކަމަށެވެ.
"ވިޔަފާރިއާއި އިގުތިސާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާހައުލެއް އޮތުމާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީ ވެސް ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަން." މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ ވެސް މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރިމަގަށް ވިސްނަންޖެހޭ ކަންކަން ގިނަކަން ފާހަގަކުރައްވައި ވަޒީރުގެ ހިތާބުގައި ވަނީ ބަދަލުވަމުންދާ ސަރަހައްދީ މާހައުލާއި އިސްތިރާޖީ ހަލަބޮލިކަމުގެ ތެރެއިން މިގައުމު ކުރާ ދަތުރު އަމާންކަމާއި އޮމާންކަމާ ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތަޔަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!