މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން ޕްރައިމަރީއެއް ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޖުލައި 25 ވަނަ ދުވަހުން ފެށިގެން ޖުލައި 27 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން "އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެޕްލިކޭޝަން ފޯމާއި އިންތިހާބުގެ ޓައިމްލައިން އެ ޕާޓީގެ ވެބްސައިޓު http://www.mrm.mv އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއާރްއެމް އިން ބުނީ މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ އެޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށް ކަމަށެވެ.

މީގެ އިތުރުން އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށަހަޅާ ފަރާތްތަކަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ހުރިހައި ޝަރުތެއް ފުރުހަމަވާ މީހަކަށް ވާންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ، ޕާޓީގެ އިގުރާރުގައި ސޮއިކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ޖުލައި މަހުގެ 31 ގެ ހަވީރު 4 ޖެހުމުގެ ކުރިން، ކަމާއިބެހޭ މުއައްސަސާތަކުން ސާފުކުރަން ޖެހޭ މައުލޫމާތުތައް ސާފުކޮށް، ލިޔެކިއުންތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.

އެމްއާރްއެމް އިން ބުނެފައިވާ ގޮތުގައި ޕްރައިމަރީ އަށް ނަން ހުށަހެޅުމަށްފަހު، ނަން އަނބުރާ ގެންދެވޭނީ ޖުލައި 28 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށާއި ކެންޑިޑޭޓުންގެ ނަން އިއުލާން ކުރާނީ 28 ޖުލައި ގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި ނަން ތަރުތީބުކުރުން އެދުވަހުގެ ހަވީރު 4:30 ގައި އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު 1 ވަނަ ދުވަހުއެވެ.

އެ ޕާޓީން ރޮޔާސީ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ޖުލައި 25 ވަނަ ދުވަހު ވަނީ މަޝްވަރާތަކެއް ވެސް ކޮށްފައެވެ.