ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީ އޮންނަދުވަހު ވެސް އެ ޕާޓީއާ ގުޅުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއައްސިސް، އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީއަކީ ވަރަށް ފަހުން ރަޖިސްޓާވި ޕާޓީއަކަށް ވާތީ، މި ވަގުތަކީ ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ވަގުތެއް ކަމަށެވެ.

Ad
rt

އެއީ ވާދަވެރި ޕްރައިމަރީއަކަށް ނުވާތީ، އެކަން އެގޮތަށް ކުރުމަކީ މައްސަލައެއް ކަމަށް ޕާޓީގެ އިންތިގާލީ ކައުންސިލަށް ނުފެންނަ ކަމަށާއި ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ފެންނަނީ ނުކުމެ ހުރި ކެންޑިޑޭޓާއެކު ކުރިއަށް ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅަކަށް ވީ ހިނދު، ވޯޓުލުން ކުރިއަށް ދާ ވަގުތު ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިންޓަރިމް ކައުންސިލުން ލަފާ ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަކަށް ހުޅުވައިލުމުން ކުރިމަތިލައްވާފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ.

އެހެންވެ، އެޕާޓީގެ މެމްބަރުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓުލާނީ މި ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހުއެވެ.