ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތުޅާދޫގައި އިމާރާތްކުރަން ފަށާ މި ހޮސްޕިޓަލަކީ ރަށުގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން، މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން، ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނަށް ވެސް، އަދި އެ ރަށާ ކައިރީގައިވާ ގޮއިދުއާ، ފުޅަދޫ، އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، އެ ހިސާބުގައި ތަރައްގީ ކުރެވޭ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ފައިދާ ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ވޭތުވެދިޔަ އަހަރުތަކުގައި މާބަނޑު އަންހެނުން ވިހެއުމާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ ނެގުންފަދަ ހިދުމަތްތަކަށް، އެ ރަށު ރައްޔިތުން ދާންޖެހިފައިއޮތީ އޭދަފުއްޓަށް ނޫނީ މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކަމަށެވެ. ނަމަވެސް މިއަދު ބިންގާ އެޅިގެން ދިޔަ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން އެބުރަ ތުޅާދޫ ރައްޔިތުން ދެން އުފުލަން ނުޖެހޭނެ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، އެކޮމޮޑޭޝަން ބްލޮކަކާއި ސާވިސް ބްލޮކެއް ހިމެނޭހެން، 30 އެނދު އެކުލެވޭ 2 ފަންގިފިލާގެ އިމާރާތެއް ހަދާނެއެވެ.
މިއީ 114.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ވޭތުވެދިޔަ ފަސް އަހަރުތެރޭ އެމްޓީސީސީން ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ވޯޑް އިމާރާތްކުރުމާއި އޯ.ޕީ.ޑީ. އިމާރާތްކުރުމުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ. އިމާރާތްކުރުމާއި ލޭބާ ވޯޑް އިމާރާތް ކުރުމުގެ މަޝްރޫއުތައް ނިންމާފައެވެ. އަދި، 492.3 މިލިއަންރުފިޔާގެ ލ. ގަން ޓާޝިއަރީ ހޮސްފިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާއު 226.5 މިލިއަން ރުފިޔާގެ ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!