މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުޅުވައިލާފައިވާއިރު، ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އެހެންނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީރަޖިސްޓްރީ ވުމަށް ހުށަހެޅޭނެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މިމަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް 3،436 ފަރާތަކުން ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހަޅާފައިވާ 2،859 ފޯމު ހިމެނޭ ކަމަށެވެ. އަދި ކަރުދާސް ފޯމުތަކުގައި 577 ފޯމު ހުށަހަޅާފާއިވާ ކަމަށް ވެސް ވިދާޅުވެއެވެ.

އީސީ އިން ވިދާޅުވީ މިހައިތަނަށް ރީރަޖިސްޓްރޭޝަނަށް ސިޔާސީ ޕާޓީއަކުން އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ ތަފްސީލަށް ބަލާއިރު، އޮންލައިންކޮށް 2،859 ފޯމު، އަތޮޅުތަކުން 239 ފޯމު، މާލޭގައި ގާއިމްކޮށްފައިވާ އެކި ކައުންޓަރުތަކަށް 58 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި މޯބައިލް ސްޓޭޝަންތަކަށް 122 ފޯމާއި ރިސޯޓްތަކުން 136 ފޯމު އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުން 22 ފޯމު ހުށަހަޅާފައިވާ ކަމަށް ދައްކައެވެ.

މިފޯމުތަކުގެ ތެރެއިން 724 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށާއި ރިޖެކްޓް ކުރި ގިނަ ފޯމުތަކަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވެސް މާލެއަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ އަދި މިފަހަރުގެ އިންތިޚާބަށް ވެސް މާލެއަށް ރީ-ރަޖިސްޓްރީ ވުމަށް ހުށަހެޅި ފޯމުތައް ކަމަށް އީސީ އިން ވިދާޅުވިއެވެ. އަދި އައިޑީކާޑުގެ މުއްދަތު ހަމަވެފައިވުމުން ރިޖެކްޓް ކުރި ފޯމުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެއެވެ.

ރީރަޖިސްޓްރީ ކުރުމުގައިވެސް އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާނަމަ، ވޯޓުލުމަށް ރީ-ރަޖިސްޓްރީކޮށް ނުދޭނެ ކަމަށް އީސީ އިން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމު ކަމަށާއި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ވެސް ރީރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާއިރު، ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.