ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑުން މިހާރު އެމެރިކާއަށް ކުރަމުން އަންނަ ދަތުރުގައި އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ފަހަތުން އަރައި ކާމިޔާބު ކޮށްފިއެވެ.
ރެއާލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ މިލާނުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-2) ޖަހައިގެންނެވެ.
މި ޓްރާންސްފާ މާކެޓްގައި ރެއާލާއި ގުޅުނު އައު ކުޅުންތެރިންނަށް މި މެޗުގެ ފުރަތަމަ އެގާރައިން ކޯޗް އަންޗެލޯޓީ ވަނީ ޖާގަ ދީފައެވެ. މިގޮތުން ފުރަތަމަ އެގާރާގައި ބެލިންހަމްގެ އިތުރުން ހޯސެލޫއާއި ޑިއާޒް ވަނީ ހިމަނާފައެވެ.
މި މެޗުގައި މިލާނުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ޕުލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފިކަޔޯ ޓޮމޯރީއެވެ. ދެވަނަ ލަނޑު 42 ވަނަ މިނެޓުގައި ކަލަބްރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލުކާ ރޮމޭރޯއެވެ.
ރެއާލުން މެޗުގެ ދެވަނަ ހާފު ފެށީ ގިނަ ބަދަލު ތަކަކާއި އެކުގައެވެ. މިގޮތުން ރެއާލުން ވަނީ ދެވަނަ ހާފު ފަށަން ކަރަވަހާލް، ރޮޑްރިގޯ، ފެރާން ގާސިއާ، ވިނީސިއަސް، މޮޑްރިޗް، ޑޭވިޑް އަލަބާ، ޗުއަމެނީގެ އިތުރުން ރުޑިގާ ކުޅެން އަރުވާފައެވެ.
މިގޮތުން ރެއާލުން ވަނީ މެޗުގެ 57 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ދެ ލަނޑު ވެސް ރެއާލަށް ކާމިޔާބު ކޮށްދިނީ ވަލްވަޑޭއެވެ. ރެއާލް މި މެޗުން މޮޅުކޮށްދިން ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިނީސިއަސްއެވެ.
މިހާރު އެމެރިކާގައި ކުރިއަށްދާ ޕްރީ ސީޒަން ޓްއާގައި ރެއާލުން އަދި ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެއެވެ. މި މަހު 27 ގައި ރެއާލް ބައްދަލު ކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!