ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އެތެރެކުރަން އުޅުނީި ކުރިއަރ މެދުވެރިކޮށް ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ ޖުލައި 7 ވަނަ ދުވަހު ކަމަށެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ މި ތަކެތި ފެނުނީ ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރޭގައި ހުރި 2 ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2020 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.