މިއަހަރުގެ ޖެނެރަލް މެނޭޖާސް ފޯރަމް (ޖީއެމް ފޯރަމް) އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމް އިންތިޒާމު ކުރާ ހޮޓެލިއަރ މޯލްޑިވްސް އިން ބުނީ މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ 19 އޮކްޓޯބަރުގައި ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރެއްގެ ގޮތުގައި "އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯރ ސަސްޓެއިނެބިލިޓީ" ހަމަޖައްސާފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާތައް ކުރާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
އެ ފަރާތުން ބުނީ ހާއްސަ ޝިއާރެއް ކަނޑައަޅައިގެން ފޯރަމް ކުރިއަށް ގެންދިއުމަކީ މިއަހަރު މުޅިން އަލަށް ފޯރަމްގައި ކުރާ ކަމެއް ކަމަށާއި ނަމަވެސް މިއަހަރަށްފަހު، ދެން ކޮންމެ އަހަރަކު ވެސް ފޯރަމް ކުރިއަށްގެންދާނީ މިގޮތަށް ވަކި ޝިއާރެއް ކަނޑައަޅައިގެން ކަމަށެވެ.
ރިސޯޓު ހިންގުމާއި އާންމުކޮށް ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމިުގެ މަގުސަދުގައި މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.
މީގެ އިތުރުން މި ފޯރަމްގެ މަހގުސަދުތަކުގެ ތެރޭގައި ޚިޔާލު ބަދަލު ކުރުމާއި މިދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!