ށ. ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިކަމާއި ގުޅޭ މައުލޫމާތު 'ތިލަދުން' އަށް ހިއްސާ ކުރައްވަމުން ޅައިމަގު އެސިސްޓެންޑް ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝިނާން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްދާނީ މިޖުލައި މަހުގެ 22 ން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެއްވެސް ފީ އެއް ނެގުމަކާއި ނުލާ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ޖުމްލަ 31 ބައިވެރިންނާއެކު ކުރިއަށްދާ މި ޕްރޮގްރާމުގައި ދަނޑުވެރިކަމާއި ގުޅުން ހުރި ހުރިހައި ބައިތަކެއް ކިޔަވައިދޭނެ ކަމަށާއި އެގޮތުން ގަސް މުޑުވަށް ކުރުމުން ފެށިގެން އެއަށް ބޭނުންވާ ކާނާގެ ބާވަތްތަކާއި ބޭނުންކުރަންޖެހޭ ބޭހާއި ގަހަށް ޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކިޔަވައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ތަޖުރިބާކާރު ބޭފުޅެއްގެ އިރުޝާދުގެ ދަށުން މި ޕްރޮގްރާމުގައި ޕްރެކްޓިކަލް އާއި ތިއަރީ ސެޝަން ހިމަނާފައިވާނެ ކަމަށާއި އެގޮތުން ޕްރެކްޓިކަލް ސެޝަންތައް ދުވާލު ކުރިއަށްދާއިރު، ތިއަރީ ސެޝަންތައް ކުރިއަށްދާނީ ރޭގަނޑު ކަމަށެވެ.
މި ޕްރޮގްރާމާއި ގުޅިގެން ޅައިމަގު ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ 'ތިލަދުން' އަށް ވިދާޅުވީ މިއީ މިފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް އެ ކޮމެޓީން ވެސް ވަރަށްބޭނުންވެފައިތިބި ވަގުތެއް ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ލިބުނީތީ އުފާކޮށް، ޝުކުރުއަދާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް މީހުން ހޮވާފައިވާނީ އަތޮޅު ކައުންސިލުން އެކަމަށް ހުޅުވައިލުމުން ފޯމު ހުށަހެޅި މީހުންގެ ތަރުތީބުން އެންމެފުރަތަމަ ލިބުނު ފޯމުތަކަށް އިސްކަންދީގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!