ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ދިނުމަށް ހަދާފައިވާ އެޕްލިކޭޝަނުގައި ކަސްޓަމަރުން ބޭނުންކުރާ ބޭންކު ކާޑުތަކުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ އެއްވެސް މައުލޫމާތެއް ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނީ އާރްޓީއެލް އެޕްލިކޭޝަންގެ ޑިޖިޓަލް ސިސްޓަމްއާ ބެހޭގޮތުން ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ފަތުރާތީ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ އާރްޓީއެލް ހިދުމަތް ފެށުނީއްސުރެ އެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކި ފަރާތްތަކުން ލިބެމުން އަންނަ ހިޔާލުތަކާއި މައުލޫމާތުތަކަށް އެ ކުންފުނިން އަބަދުވެސް ރިއާޔަތްކުރާ ކަމަށެވެ.

Ad
rt

އާރްޓީއެލް އެޕުގައި ސެކިއުރިޓީ ވަލްނަރަބިލިޓީއެއް (ހަމަލާއެއް ނުވަތަ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސިފަ ނުވަތަ ހާލަތެއް) އުޅޭކަމުގެ ރިޕޯޓެއް ޖުލައި މަހުގެ ކުރީކޮޅު ލިބުމާ ގުޅިގެން އެ މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަން ވަގުތުން ހައްލުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންނެވެ.

ސިސްޓަމް ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށާއި އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ސެކުއާ ޕޭމަންޓެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައިނުވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިން ބޭންކުގެ ސެކިއުރިޓީ ސްޓެންޑާޑްތަކާއި އެއްގޮތަށް ކަމަށެވެ. އަދި އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީ ބައިނަލްއަގުވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑަށް ސަޓިފައި ކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި ފައިސާ ބަލައިގަތުމަށްވެސް އެ ކުންފުނިން ބޭނުންކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ ކަމަށްވާތީ ކަސްޓަމަރުންގެ ހުރިހާ ބޭންކިން މައުލޫމާތެއް ހިއްސާކުރާނީ ބީއެމްއެލްގެ ސެކުޔާ ޕްލެޓްފޯމެއްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

"އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މައުލޫމާތެއް މި ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަމެވެ" އެމްޓީސީސީން ބުންޏެވެ.