ޕްރިމިއާ ލީގުގެ ވެސްޓްހޭމްއަށް ކުޅެމުންއައި އިންގްލެންޑްގެ މިޑްފީލްޑަރ ޑެކްލަން ރައިސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ.
އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 138 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ. އާސެނަލުން ރައިސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ.
ރައިސްވެފައި ވަނީ އެންމެ އަގުބޮޑު ޓްރާންސްފާއެއްގައި ޓީމް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރިމުގެ ރެކޯޑް އޮތީ މީގެ ދެ އަހަރު ކުރިން އެސްޓަންވިލާއިން ސިޓީން ޖެކް ގްރީލިޝް ގެނައި ޑީލެވެ. ސިޓީންވަނީ ގްރީލިޝް ގަތުމަށް 130 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.
ރައިސް ގަތުމަށް މެންޗެސްޓާ ސިޓީން ވެސް މަސައްކަތް ކުރިއެވެ. އެ ޓީމުން ރައިސް ގަތުމަށް ވެސްޓްހޭމްއަށް 90 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ވެސްޓްހޭމުން އެ އަގުގައި ރައިސް ދޫކޮށްލަން ދެކޮޅުހެދުމާއި އެ ޓްރާންސްފާގެ ތެރެއަށް އާސެނަލް ވަނުމާއިއެކު ސިޓީންވަނީ ރައިސްގެ ޑީލާއި ދުރަށް ޖެހިލާފައެވެ.
ރައިސް ވަނީ ވެސްޓްހޭމްއަށް ކުޅުނު 245 މެޗުގައި 12 ލަނޑު ޖަހާފައެވެ. ރައިސް ވެސްޓްހޭމްއާއި ގުޅިފައި ވަނީ އޭނާގެ އުމުރުން 14 އަހަރުގައި ޗެލްސީ އެކަޑަމީންނެވެ.
ރައިސް ވެސްޓްހޭމްއާއިއެކު ރަސްމީކޮށް އެއްބަސްވުން ހަދާފައިވަނީ 2015 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. އޭނާ ފުރަތަމަ ވެސްޓްހޭމްގެ ސީނިއާ ޓީމަށް ކުޅެފައިވަނީ 2016-17 ވަނަ ސީޒަންގެ ލީގުގެ ފަހު މެޗުގައި ބާންލޭއާއި ވެސްޓްހޭމް ބައްދަލުކުރި މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ރައިސްއަށް ވެސްޓްހޭމްގެ ކެޕްޓަން ބޭންޑް ލިބިފައިވަނީ، އެ ޓީމްގެ ކެޕްޓަންކަން ކުރަމުންދިޔައ މާކް ނޮބެލް 2022 ވަނަ އަހަރު ކުޅުން ހުއްޓާލުމާއި ގުޅިގެންނެވެ.
ރައިސްގެ މަގުބޫލުކަން ޓީމްތަކުގެ މެދުގައި ބޮޑުވެގެން ގޮސްފައި ވަނީ ނިމިދިޔަ ސީޒަންގެ ޔުއެފާ ކޮންފަރެންސް ލީގު ވެސްޓްހޭމްއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އެކުއެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
ރައިސްއަކީ އިންގްލެންޑްގެ ގައުމީ ޓީމްގެ މިޑްފީލްޑްގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. ގަތަރުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އިންގްލެންޑުން ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމް އެގާރާގައި އޭނާ ވަނީ ކުޅެފައެވެ. އޭނާ މިހާތަނަށް އިންގްލެންޑްގެ ގައުމީ ޓީމަށް ވަނީ 41 މެޗު ކުޅެފައެވެ.
އާސެނަލުން މި ޓްރާންސްފާގައި ތިން ކުޅުންތެރިއެއްގެ ސޮއި މިހާރު ވަނީ ހޯދާފައެވެ. އެއީ ޗެލްސީއަށް ކުޅުނު ކައި ހަވާޓްޒްއާއި ނެދަލެންޑްގެ އަޔެކްސްއަށް ކުޅެމުން އައި ޑިފެންޑަރ ޓިމްބަގެ އިތުރުން ރައިސްގެ ސޮއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!