މީމު މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސްއްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާޑް އާއި ވީ– ފެންޑާ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 91 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 8640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 640 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، ބޮލާޑް އާއި ވީ- ފެންޑާ ހަރުކުރުމާއި، ޑްރެއިނޭޖް ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މިއީ 52.95 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!