ވިޔަރެއާލްއަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރ ޕައު ޓޯރޭސް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.
އުމުރުން 26 އަހަރުގެ ޓޯރޭސް އެސްޓަން ވިލާއަށް ބަދަލުވެފައި މިވަނީ އޭނާ ވިޔަރެއާލާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އެސްޓަން ވިލާއާއި ގުޅިފައި ވަނީ 31.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
އެސްޓަން ވިލާގެ ކޯޗަކަށް މިހާރުހުރި އުނާއީ އެމެރީ ވިޔަރެއާލަށް އިރުޝާދުދިން އިރު، ޓޯރޭސް ވަނީ 2020 ވަނަ އަހަރުން ފަށައިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޓޯރޭސް ވަނީ ވިޔަރެއާލްއަށް 173 މެޗު ކުޅެ 12 ލަނޑު ޖަހައިދީފައެވެ. އޭނާވަނީ ސްޕެއިންގެ ގައުމީ ޓީމަށް ވެސް 23 މެޗު ކުޅެފައެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމަށް ކުޅެފައެވެ.
އެމެރީގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރު ޔޫރޮޕާ ލީގު ފައިނަލުގައި ވިޔަރެއާލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ހޯދި ޓީމްގައި ވެސް ޓޯރޭސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ނިމިދިޔަ ސީޒަން އެސްޓަންވިލާ ނިންމާލީ ތާވަލުގެ ހަތްވަނާގައި އޮވެއެވެ. ވުމާއެކު އަންނަ ސީޒަންގެ ކޮންފަރެންސް ލީގުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އެ ޓީމުން އައު ސީޒަނަށް ޓީމް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނައިރު ޕައު ޓޯރޭސްއަކީ މި ޓްރާންސްފާގައި އެ ޓީމުން ސޮއި ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓާ ސިޓީގެ ޓިއެލެމަންސްގެ ސޮއި މީގެ ކުރިން އެ ޓީމުން ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!