މުސްހަފު އެންދުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ބުނެ، އެފަދަ ޢަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާ އިން ވިދާޅުވީ މުސްހަފް އެންދުމާއި ގުޅިގެން އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.
މިއީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުޞްޙަފް އެންދުމުގެ ހާދިސާތަކާ ގުޅިގެން މިކަން އިތުރަށް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.
މިއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ މައި މަރުކަޒުގައި ޖުލައި 2 ވަނަ ދުވަހު އެޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހާރިޖީ ވުޒާރާ އިން އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގެ ފައިނަލް ކޮމިއުނިކޭގައި އޯ.އައި.ސީ. ގެ މެމްބަރު ގައުމުތަކުން ވަނީ މިމައްސަލަ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިހާރު ހިނގަމުންދާ އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ގަރާރެއް ހުށަހަޅައި، މިކަމާ މެދު ކުއްލި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހުށަހެޅުމަށް އެއްބަސްވެފައި ކަމަށެވެ.
މީގެ އިތުރުން އޯ.އައި.ސީ. ގެ އެދުމުގެ މަތިން، އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުމުގެ ހާދިސާތަކާއި ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި ޖުލައި 11 ވަނަ ދުވަހު އެމަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން އަރޖެންޓް ޑިބޭޓް އެއް ބާއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
އެ ވުޒާރާ އިން ވިދާޅުވީ މިޑިބޭޓްގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދު ކަމަށެވެ.
ރާއްޖޭގެ ސަރުކާރުގެ ފަރާތުން ދާއިމީ މަންދޫބު ދެއްވި ޚިތާބުގައި ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާފައެވެ. އަދި މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން އިސްލާމް ދީނާއިމެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވައި، މުޖުތަމަޢުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ ޢަމަލުތައް ނިމުމަކަށް ގެނައުމަށް އޭނާ ވަނީ ގައިވާލައްވާފައެވެ.
ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ ޢަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯ.އައި.ސީ އިން ވަނީ ޑިބޭޓްގެ ތެރެއިން ގަރާރެއް ހުށަހަޅާފައިވާއިރު، އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 28 މެމްބަރު ގައުމެއްގެ ތާއީދުލިބި އެމަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިގަރާރު ވަނީ ފާސްވެފައެވެ.
އޯ.އައި.ސީ. ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ވޯޓުލާފައިވަނީ މިގަރާރާ އެއްކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!