ރ. ފުއްގިރި މައްސަލާގައި އަހްމަދު ކްރިކް ރިޒާއާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރާއިރު ކްރިކްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ.

Ad
rt

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ބުނީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށާއި އަދި މިފަދަ މައްސަލައެއްގައި ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެންކަމުން، ޝަފީއު ވިދާޅުވީ ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުވައި ދިނުމަށް އެދިފައިވާ ކަމަށެވެ.

ފުއްގިރި މައްސަލާގެ ޝަރީއަތް މިދިޔަ މަހުން ފެށިގެން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެއީ ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. މި މަހަށް ވެސް ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވުނީ ކްރިކްގެ ބަލި ހާލަތު ހުރީ ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ މެޑިކަލް ހުށަހަޅާފައި ވާތީ އެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.