ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ.

ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 69 އަހަރުފުޅެވެ.

Ad
rt

އޭނާ އަކީ ޅެން ހެއްދެވުމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅަކަށްވީއިރު، އެފަންނު އިތުރަށް ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ.

އެގޮތުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގަވަމުން ގެންދަވާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 5 ކޯހަކާއި ދިވެހި ނާދީއާއި ދިވެހިނާދީގެ އަތޮޅުގޮފިތަކާއި ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް އޭނާ ވަނީ ވިލަރެސްކުރައްވާފައެވެ.

މީގެ އިތުރުން ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކާއި ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ވެސް އައިމިނަތު އައްބާސް ވަނީ ކޮށްދެއްވައިފައެވެ.

އޭނާއަށް ލިބިލައްވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ އާއި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަ ވަނީ ލިބިވަޑައިގެންފައެވެ. އަދި ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން ވެސް ތަފާތު އެކި ވަނަތައް ހާސިލުކުރައްވާފައި ވެއެވެ.

މީގެ އިތުރުން އޭނާ ވަނީ އަމިއްލަ ރިޕޯޓަރެއްގެ ނުވަތަ ފްރީލާންސް ޖާނަކިސްޓެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

އާމިނަތު އައްބާސް ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުޙައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ހިމެނެއެވެ.

26 އޭޕްރީލް 1954 ވަނަ އަހަރު މާލޭގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އައިމިނަތު އައްބާސް ތައުލީމް ހާސިލްކުރެއްވީ މޮރޭހައުސް ކޮލެޖު އޮފް އެޑިއުކޭޝަން-އެޑިމްބަރާއިންނެވެ. 1 ފެބުރުއަރީ 1975 ގައި ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި އައިމިނަތު އައްބާސް އަދާކުރެއްވި ވަޒީފާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއަރޒްގެ ރިސާރޗް އޮފިސަރުކަމުގެ މަގާމު ހިމެނެއެވެ.

އައިމިނަތު އައްބާސްގެ ކަށުނަމާދު އޮތީ މިއަދުގެ އަސުރުނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލޭ ސަހަރާ މިސްކިތު) ގައެވެ.