ހއ. އުތީމު ގަނޑުވަރުގެ މަރާމާތާއެކު ގިނަ މަޝްރޫއެއް ހިންގުމަށް ރާއްޖެއިން އިންޑިއާ އާއެކު އެއްބަސްވެއްޖެއެވެ.
މިއީ ރާއްޖެއާއި އިންޑިއާއި ދެގައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ.
އެގޮތުން މުހިންމު 9 އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދެގައުމުގެ ދެމެދުގައި މއިަދު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހއ. އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ. އަދި ށ. ކޮމަންޑޫގައި ވޮލީ ކޯޓެއް އެޅުމާއި ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި ވަސީލަތްތައް ހޯދުމުގެ އެއްބަސްވުން ހިމެނެއެވެ.
މީގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓެއް ގާއިމުކުރުމާއި މ. ދިއްގަރުގައި ގޭދޮށު މަސްޕްލާންޓް އެޅުމާއި ތ. ވިލުފުށީ ސުކޫލުގައި ސުކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއް ހިންގުން ވެސް ހިމެނެއެވެ.
ހަމަމިއާއެކު ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާއި، ސަރުކާރު ސުކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް އަޕްގްރޭޑް ކުރުމާއި ގއ. ކޮނޑޭގެ މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި ގުޅޭ އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
ނިއުދިއްލީ އަށް ކުރައްވާ މި ދަތުރުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 އަދި 12 ގައެވެ.
މި ދަތުރުގައި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބެހޭ ގޮތުން ދެގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ވެސް ނިންމާފައިވާއިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ހާރިޖީ ވުޒާރާ އިން ވިދާޅުވެއެވެ.
މީގެ އިތުރަށް އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް) ޝާހިދު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާރިޖީ އޮފީހުން ވިދާޅުވެއެވެ.
ޝާހިދު، އިންޑިއާ އަށް ވަޑައިގަންނަވާއިރު، ޝާހިދު ވަނީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިދިޔަ މާޗު މަހުގެ 4 ވަނަ ދުވަހު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!