ހއ. އަތޮޅުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.

އެ އަތޮޅު ދިއްދޫގައިި ހުންނަ އަތޮޅު ކައުންސިލް އިދާރާގައި ގާއިމުކޮށްފައިވާ މި ޔުނިޓަކީ އެ ސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުން، ވަޒީފާއާއި ގުޅޭ މައްސަލަތައް ހުށައެޅުމުގައި ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގާއިމުކުރި ޔުނިޓެކެވެ.

Ad
rt

މި ޔުނިޓް ހުޅުވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ.

މިއީ ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަތޮޅުތަކުގައި ގާއިމްކުރި މިފަދަ ހަތަރުވަނަ ޔުނިޓެވެ.

އެ އޮތޯރިޓީގެ މަގުސަދަކީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުމެވެ.

މި ޔުނިޓްތަކާއި ގުޅިގެން ލިބޭނެ އެންމެބޮޑު ފަސޭހައަކީ މާލޭގައި ހުންނަ އެ އިދާރާގެ އޮފީހަށް ބަރޯސާ ނުވެ، އަމިއްލަ ރަށުގައި ނުވަތަ އެ ސަރަޙައްދުގައި ހުރި ޔުނިޓަކަށް މައްސަލަ ހުށައަޅައި، މައްސަލަ ބެލުމުގެ ފުރުސަތު ލިބިގެންދިއުމެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވަނީ އެ ޔިނިޓުތަކަށް ހުށަހެޅޭ މައްސަލައެއް ބަލާނީވެސް، އެ ސަރަޙައްދެއްގެ އެލްއާރްއޭގެ ޔުނިޓަކުން ކަމަށާއި މިއާއެކު މިފަދަ މައްސަލަތައް ތަހުގީގުކޮށް، ހައްލު ހޯދުމަށް ވެސް އަވަސްވެގެންދާނެ ކަމަށެވެ/

މިފަދަ ޔުނިޓުތަކުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާއާއި ބެހޭ ގާނޫނަށް ޢަމަލުކުރާ މިންވަރު ބެލުމަށް ތަންތަން އިންސްޕެކްޓްކޮށް، ވަޒީފާއާއި ގުޅޭ ގާނޫނީ ލަފައާއި މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

ވަޒީފާއާބެހޭ އެކިއެކި މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އެލްއާރުއޭއިން ފާހަގަކުރެއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މިފަދަ ގޮފިތަކެއް އަތޮޅުތެރޭގައި ޤާއިމްކޮށް ޚިދުމަތް ދޭން ފެށުމުން ޚިދުމަތް އަވަސްވުމާއި މައްސަލަތައް ހުށައެޅުމަށް ފަސޭހަވެގެން ދާނެއެވެ.

ހއ. އަތޮޅުގެ އިތުރުން ބ. އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައި ވެސް ވަނީ މި ހިދުމަތް ދޭން ފަށާފައެވެ.