"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަށް ޕާޓީ ރެޖިސްޓްރީވުން ކަމަށެވެ.

Ad
rt

މީގެ އިތުރުން އެޕާޓީގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވާނެ ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތިން) ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި މިރޭގެ ޖަލްސާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

"ދަ ޑިމޮކްރެތްސް" އިން މި ޖުލައި މަހުގެ 5 ވީ ބުދަ ދުވަހުގެ ރޭ ވަނީ އެ ޕާޓީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބާއްވައި، ޕާޓީގެ ލޯގޯ އާއި ދިދަ އާއި ކުލަ އަދި އަސާސީ ގަވައިދު ވެސް ފާސްކޮށްފައެވެ.

300 މެންބަރުން މަދުވެގެން ތިބެން ޖެހޭ އެ ޖަލްސާގައި 400 މެންބަރުން ބައިވެރިވެފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ޕާޓީ އެއް އުފެއްދުމަށް ޖަލްސާ އެއް ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީ އެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ ޕާޓީއަކުން ވެސް 10 ހާސް ރުފިޔާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އާއި، ޕާޓީގެ އަސާސީ ގަވައިދާއި، މެނިފެސްޓޯގެ ކޮޕީއަކާއި، ޕާޓީ ރަމްޒުކޮށްދޭ ތަކެތި ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕާޓީ ރެޖިސްޓްރީކުރުމާއި މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން، ރަޖިސްޓްރީކުރުމަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.