ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކެންސަލްކުރަން ޖެހިއްޖެ އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ.
ކްރިމިނަލް ކޯޓުގައި ހިންގަމުން އަންނަ އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
އީދު ބަންދުގެ ކުރިން، ބާއްވަން ތާވަލުކުރި ދެ އަޑުއެހުމެއް ކްރިކް ހާޒިރުނުވާތީ ކެންސަލް ކުރި އެވެ. އީދު ބަންދު ނިމިގެން މިދިޔަ ހަފުތާ ސަރުކާރު ހުޅުވުނުއިރު، އެ އާދީއްތަ ދުވަހު ތާވަލުކުރި އަޑުއެހުމާއި، އެ ހަފުތާގެ އަންގާރަ ދުވަހު ތާވަލު ކުރި އަޑުއެހުން ވެސް ކްރިކް ބަލިވެ އުޅޭތީ ކެންސަލް ކުރި އެވެ.
މިއަދަށް ވެސް އަޑުއެހުމެއް ތާވަލުކުރިއިރު، ކްރިކް ރިޒާ ބަލިވެ އުޅޭތީ ސިއްހީ ލިޔެކިޔުންތަކާއެކު، މިއަދު ވެސް ޝަރީއަތަށް ހާޒިރުނުވެވޭނެ ކަން ވަނީ ކޯޓަށް އަންގައިފަ އެވެ. އެހެންވެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
މިހާތަނަށް ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް ނެގިއިރު އޭގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. މާދަމާ ހައި ކޯޓުގައި ހިނގާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!