ސްޕެނިޝް ލީގުގެ ރެއާލް މަލޯކާއަށް ކުޅެމުންއައި ދެކުނު ކޮރެއާގެ ޒުވާން މިޑްފީލްޑަރ ލީ ކަންގ-އިން، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

މުރުން 22 އަހަރުގެ މިޑްފީލްޑަރ ފާއިތުވި ދެ ސީޒަންގައި ވެސް ހޭދަކުރީ މަލޯކާގައެވެ. ލީ ޕީއެސްޖީއާއި ގުޅިފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Ad
rt

ލީ އަކީ މި ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ސޮއި ހޯދި ހަތަރުވަނަ ކުޅުންތެރިޔާއެވެ. ޕީއެސްޖީންވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކަރ އެސެންސިއޯގެ ސޮއި ވެސް ހޯދާފައެވެ. މީގެއިތުރުން މެނުއަލް އުގާޓޭއާއި މިލާނަށް ކުޅެމުން އައި ސެންޓްރަލް ޑިފެންޑަރ ސްކީނިއާގެ ސޮއި ވެސް ޕީއެސްޖީން ވަނީ ހޯދާފައެވެ.

ޕީއެސްޖީން ވަނީ ފާއިތުވި ސީޒަންގައި އެ ޓީމަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކޯޗް ކްރިސްޓޮފަރ ގަލްޓިއާ އެ މަގާމުން ވަކިކޮށް ސްޕެއިންއަށާއި ބާސެލޯނާއަށް ކޯޗުކޮށްދިން ލުއިސް އެންރީކޭ އެ މަގާމަށް ހަމަޖައްސާފައެވެ.

ޕީއެސްޖީއާއި ގުޅުމަށް ފަހު ލީ ބުނީ ޕީއެސްޖީއާއި ގުޅުމުގެ ފުރުޞަތު ލިބުމަކީ އާދަޔާ ޚިލާފްކަމެއް ކަމަށާއި، މިއީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ކުލަބް ކަމަށެވެ. މި ކުލަބުގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ކަމަށާއި އެ ކުޅުންތެރިންނާއިއެކު އަންނަ ސީޒަން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ލީ ވަނީ ފާއިތުވި އަހަރު ގަތަރުގައި އޮތް ވޯލްދް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮރެއާ ޓީމްގައި ހިމެނިގެން ކުޅެފައެވެ. އޭނާ ވަނީ މިހާތަނަށް ކޮރެއާ ޓީމަށް 19 މެޗު ކުޅެފައެވެ.

ލީ ވަނީ ނިމިދިޔަ ސީޒަންގައި މަލޯކާއަށް 36 މަޗު ކުޅެދީ ލަ ލަނޑު ޖަހައިދީފައެވެ.