ރުމޭނިއާއާއި ޖޯޖިއާގައި ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މި މުބާރާތް އިންގްލެންޑުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި މުބާރާތް އިންގްލެންޑުން ފުރަތަމަ ކާމިޔާބުކުރީ މީގެ 40 އަހަރު ކުރިން 1982 ވަނަ އަހަރުއެވެ.

Ad
rt

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު އިންގްލެންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިންގްލެންޑަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ވެސް ފަހު ވަގުތުގެ ތެރޭ ޖޯންސްއެވެ. ޖޯންސް މި ލަނޑު ޖަހާފައި ވަނީ ކޯލް ޕާލްމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ސްޕެއިނަށް ވަނީ ރަނުގެ ފުރުޞަތެއް ލިބިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީ އެ ޓީމްގެ ރުއިޒް ފޮނުވާލިނަމަވެސް އިންގްލެންޑްގެ ގޯލުގައި މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓްރަފޯޑް ވަނީ މަތަކޮށްފައެވެ. މުޅި ޔޫރޯގައި ވެސް އޭނާ ބެލެހެއްޓި ގޯލަށް ލަނޑެއް ވަދެފައި ނުވެއެވެ. އިންގްލެންޑަކީ ބައިކޮޅަށް ލަނޑެއް ވައްދައިނުލާ މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.