މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރ ޑޭވިޑް ޑެހެއާ ބާރަ އަހަރު އެ ޓީމަށް ކުޅުމަށްފަހު، އެ ޓީމް ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ޑެހެއާ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރީ ހޮނިހިރު ދުވަހުގެ ރޭ ސޯސަލް މީޑިއާ މެދުވެރިކޮށެވެ. އޭނާބުނީ ޔުނައިޓަޑްގައި ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އެކަމަކު، މިއީ ކެރިއަރުގައި "އާ ޗެލެންޖަކާ ކުރިމަތިލާން" ވީ ވަގުތު ކަމަށެވެ.
ޑެހެއާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. ޑެހެއާ އެ ޓީމް ދޫކޮށްލާނެކަން އިޢުލާން ކޮށްފައި މިވަނީ ފާއިތުވި ސީޒަންގައި އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރ އޮނާނާ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޑެހެއާ ވަނީ ފާއިތުވި ބާރަ އަހަރުތެރޭ ޔުނައިޓެޑަށް 545 މެޗު ކުޅެދީ 190 މެޗުގައި ކްލީން ޝީޓް ހަދާފައެވެ. ޔުނައިޓެޑް ގޯލަށް ލަނޑެއް ވައްދައިނުލާ އެންމެ ގިނަ މެޗު ނިންމާލި ކީޕަރަކީ އޭނާއެވެ.
މީގެ ބާރަ އަހަރު ކުރިން ޑެހެއާ ޔުނައިޓެޑާއި ގުޅިފައި ވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރީ އެ ޓީމްގެ ލެޖެންޑަރީ ކޯޗް އަލެކްސް ފާގަސަންއެވެ.
ޑެހެއާ ވަނީ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު އަހަރު ހޯދާފައެވެ. ނިމިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ ޔުނައިޓެޑްގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައި ޕްރިމިއާ ލީގުގެ މޮޅު ކީޕަރުގެ މަގާމް ހޯދާފައެވެ.
ޑެހެއާ ޔުނައިޓެޑާއިއެކު ޕްރިމިއާ ލީގާއި، ޔޫރޮޕާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
ޑެހެއާ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރި ނަމަވެސް އޭނާ ދެން ގުޅޭނެ ކުލަބަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައި ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބައެއް ސައުދީ ކުލަބުތަކުން އޭނާއަށް ޝަޢުޤުވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!