އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމުގެ މުހިންމުކަން!

islam1

އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމަކީ ރަނގަޅު އިސްލާމީ ޖީލެއް ބިނާކުރުމަށް އިސްލާމީ މުޖުތަމަޢަކަށް ބޭނުން ވާ އެންމެ މުހިންމު އުންޞުރެވެ. މި އުންޞުރު ފުރިހަމަ ކުރުމަކީ ވެރީންނާ ހަމައިން ފެށިގެން ބެލެނިވެރީންނާ ހަމައަށް އޮތް ޒިންމާއެކެވެ. އަމާނާތެކެވެ.

އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމަށް އަހަންމިއްޔަތުކަން ނުދެވޭ މުޖުތަމަޢެއްގައި ކުދިން ބޮޑެތިވަމުން އަންނާނީ ދުނިޔެވީ މާއްދިއްޔަތަށް ކަމާ މެދަކު ޝައްކެއް ނެތެވެ. މާއްދީ ފަލްސަފާތަކާއި މާއްދީ ނަޒަރިއްޔާތުތަކާއި ފިކުރުތަކަށް އެ ކުދީންގެ ލޯ ހުޅުވިގެން ދާ އިރު، ދީނީ ނަޒަރިއްޔާތާއި ފިކުރަކީ އެފަދަ ކުދިންނާ އެންމެ ބީރައްޓެހި ކަންކަމަށް ވެގެން ދެއެވެ. ހެވާއި ނުބަޔަކީ ދީނީ މީޒާނުން ކިރަން ޖެހޭ އެއްޗެއް ކަމަށް އެފަދަ ކުދިންނެއް ޤަބޫލެއް ނުކުރާނެއެވެ. ހެވާއި ނުބަޔަކީ މާއްދީ ލިބަރަލް ފަލްސަފާތަކުގެ މައްޗަށް މާނަކުރެވޭ ނިސްބީ އެއްޗެއް ކަމަށް އެފަދަ ކުދީން ޤަބޫލު ކުރާނެއެވެ.

އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ ބޭނުމާއި މުހިންމުކަން މި ކަމުން ވެސް އެނގި ބަޔާންވެގެން ދެއެވެ. އެހެނީ ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ލިބިފައިވާ ދަރީންތަކެއް މާއްދީ ފަލްސަފާތަކުގެ މައްޗަށް ހެއްލިގެނެއް ނުދާނެއެވެ. ހެވާއި ނުބަޔަކީ ކޮބައިކަން ވަކިކުރަން އެ ދަރީންނަށް މާ ރަނގަޅަށް އެނގޭނެއެވެ. އެ ކުދިންގެ އަޚްލާޤަކީ އިސްލާމީ އަޚްލާޤިއްޔާތެވެ. ކަންކަމާ މެދު އެ ކުދީން ވިސްނާ ފިކުރުކުރާނީ، ދެ ދުނިޔެ ވެސް ތަޢުމީރުކުރަން ދީނީގޮތުން އަންގަވައި އަމުރުކުރައްވާފައިވާ ވިސްނުމުންނެވެ. ކަލަކު ވޮޑިގެންވާ ކަމުގެ ވިސްނުމުންނެވެ. ޤިޔާމަތެއް ވާނެ ކަމުގެ ވިސްނުމުންނެވެ. ހިސާބު ބެއްލެވޭނެ ކަމުގެ ވިސްނުމުންނެވެ.

އިސްލާމީ ޖީލުތަކުގެ މުސްތަޤްބަލު ވަނީ ވެރީންނާއި ބެލެނިވެރީންނާއި މުރައްބީންނާއި ޓީޗަރުންގެ އަތްމަތީގައެވެ. ޚާއްޞަކޮށް ވެރީންގެ ޒިންމާ މި ކަމުގައި އިތުރަށް މަތިވެ އުހުލިގެންވެއެވެ. ތަޢުލީމާއި ތަރުބިއްޔަތަކީ ދައުލަތާ މަތި ކުރެވިފައިވާ ކަމެކެވެ. ތަޢުލީމީ މަންހަޖު ހެދުމާއި މުޤައްރަރު ކަނޑައެޅުމާއި ތަޢުލީމީ ކަންކަން ހިންގުމުގެ އެންމެހައި ޒިންމާއެއް ޤާނޫނީ ގޮތުން މަތިކުރެވިފައި ވަނީ ވެރީންނާއެވެ. އެ ވެރީންގެ ދަށުން ނުވަތަ އެ ވެރީންގެ މަންދޫބުންނާއި ވަޒީރުންގެ ގޮތުގައި އެ ކަންކަމާ ހަވާލުވާން ވާނީ އަދި ހަވާލު ކުރަން ވާނީ އެ ކަންކަމުގެ ޤާބިލިއްޔަތާއި ލަޔާޤަތު ހުރި ބަޔަކާއެވެ. ނުކިއްސަރު ގޮތަކަށް ދީނުގެ ޢަދުއްވުންގެ މަދަދާއި އެހީއާ އެކު، އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ޚަރާބުކޮށް، ސެކިއުލާރ ޢަލްމާނީ ފިކުރު ފަތުރަން އުޅޭ ބަޔަކާ އެ ކަންކަން ހަވާލު ކުރުން ވެގެން ދާނީ ވަރަށް ނުރައްކާތެރިކަމަކަށެވެ. އެއީ ދީނީ ނަޒަރަކުން ބަލާއިރު ވެސް ހުއްދަ ވެގެން ވާނެ ކަމެއް ނޫނެވެ.

ހަމައެފަދައިން ބެލެނިވެރީންނާއި މުދައްރިސުން ވެސް މި ކަންކަމާ މެދު ވިސްނުމަކީ ނުހަނު މުހިންމުކަމެކެވެ. އެހެނީ، މި ދަރީންނަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. މިއީ މާތް ﷲ އަޅުގަނޑުމެންގެ ކޮނޑުގައި އަޅުއްވާފައިވާ ޒިންމާއެކެވެ. މި ޒިންމާއާ މެދު ޤިޔާމަތް ދުވަހުން އެ އިލާހު އަޅުގަނޑުމެންނާ ސުވާލު ކުރައްވަވާނޭ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. މުސްލިމް މުޖުތަމަޢެއްގެ މުސްލިމް ޖީލެއްގެ ތަޢުލީމާއި ތަރުބިއްޔަތާ މެދުއެވެ. އެންމެންނަށް ވެސް އޮތީ މާތް ﷲ އަށް ބިރުވެތިވެ، މާތް ﷲ ގެ މި އަމާނާތަށް ތެދުވެރިވުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *