ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވާ ކަމަށެވެ. އަދި ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލައިލާފައިވާ ކަމަށާއި އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.