ކުރިން ބާސެލޯނާއަށާއި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން ލުއިސް އެންރީކޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމު ހުސްވެފައި ވަނިކޮށެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.

Ad
rt

އެންރީކޭ ކޯޗިން ކެރިއާގައި އޭނާގެ ނަން ފާހަގަވާން ފެށީ 2014 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއާއި ހަވާލުވުމާއި އެކުގައެވެ. ފުރަތަމަ ސީޒަންގައި ވެސް އޭނާ ވަނީ ބާސާއާއިއެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާގެ އިތުރުން ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފައެވެ. ޖުމްލަ ތިން ސީޒަންގައި އޭނާ ބާސާއަށް އިރުޝާދުދިން އިރު އެ މުއްދަތުގައި އޭނާ ވަނީ ބާސާއާއިއެކު ނުވަ ތައްޓެއް ކާމިޔާބު ކޮށްފައެވެ.

ބާސާގެ ކޯޗުކަމުން ވަކިވުމަށް ފަހު އެންރީކޭ 2018 ވަނަ އަހަރު ހަވާލުވީ ސްޕެއިންގެ ގައުމީ ޓީމާއެވެ. ސްޕެއިން ގައުމީ ޓީމާއިއެކު އޭނާއަށް ތައްޓެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އޭނާވަނީ ސްޕެއިންއާއިއެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އަދި 2021 ވަނަ އަހަރު އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕް ސެމީ ފައިނަލުގައި ސްޕެއިން ކުޅުނެވެ. އެންރީކޭ ސްޕެއިން ޓީމުން އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން މޮރޮކޯ އަތުން ބަލިވެ ސްޕެއިން ކެޓުމާއި ގުޅިގެންނެވެ.