ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ ގަދަވީ މިދިޔަ ހޯމަ ދުވަހު ކަމަށް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމެރިކާގެ ނޭޝަނަލް ސެންޓާސް ފޯ އެންވަޔަރްމެންޓަލް ޕްރެޑިކްޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރިން ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ، އޮގަސްޓް 2016 ގަ އެވެ. އޭރު ހޫނުމިނެއްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 16.92 ޑިގްރީ ސެލްސިއަސްގަ އެވެ.
މިދިޔަ ހޯމަ ދުވަހު ހޫނުމިން ހުރީ 17.01 ޑިގްރީ ސެލްސިއަސްގަ އެވެ. އެ ދުވަހަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާ ޚިލާފަށް ހޫނު ދުވަހެއް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
އެންޓާޓިކާ ސަރަހައްދަށް މި ދުވަސްވަރަކީ ފިނި މޫސުން ކަމަށް ވިޔަސް، މި ދުވަސްވަރު ހޫނުމިން ހުރީ މަތީގަ އެވެ.
މި މަހުގެ ދެވަނަ ދުވަހު އިރުން ވަނީ ވަރަށް ބިޔަ ހުޅުގަނޑެއް ފަޅައިގެން ގޮސްފަ އެވެ. އަދި އޭގެ ސަބަބުން އުފެދުނު ރޭޑިއޭޝަންގެ ސަބަބުން، އެމެރިކާ އާއި ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ރޭޑިއޯ ސިގްނަލްތައް 30 މިނެޓަށް މެދުކެނޑިގެން ދިޔަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!