ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދުވެސް އާއްމުންނަށް ލުއިފަސޭހަކަމާއެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

މިހާތަނަށް ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. މާދަމާއިން ފެށިގެން މި ވަގުތު ރޭގަނޑު 9:00 އަށް އިތުރުކޮށްފައިވާއިރު، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށެވެ.

ޕާސްޕޯޓު ހެދުމަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް 2019 ވަނަ އަހަރު ހަމަޖެއްސިއެވެ. އޭގެ ކުރިން ޖެހެނީ ސީދާ އިމިގްރޭޝަނަށް ގޮސް ފޯމު ހުށަހަޅާށެވެ. އެކަމަކު، ކޮވިޑާއެކު ޖުލައި 22، 2020 ގައި ތައާރަފްކުރި "އިމުގަ" ޕޯޓަލްއާއެކު އެ ހިދުމަތް ޑިޖިޓަލް ކުރިއެވެ.

އަލަށް ގެނައި ބަދަލުތައް؛

ފޯމު ފުރިހަމަކޮށް، ސްކޭންކޮށް، އަޕްލޯޑުކުރަން ނުޖެހުން
ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅިއަސް، ފޯމު ފުރައި ސޮއިކޮށް އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ޝަކުވާތަކަށް ބަލައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުށަހެޅޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ
ޕާސްޕޯޓު އާ ކުރަން ހުށަހަޅާ ނަމަ ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑުކުރަންޖެހެއެވެ. އަލަށް ގެނައި ބަދަލާ އެކު އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީއެއް ހުށަހަޅާކަށް ނުޖެހޭނ އެވެ.

ޕާސްޕޯޓުގައި ސޮއިކުރަން ވެސް ފަސޭހަ ގޮތެއް
އިިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ސޮއި ނުވަތަ އެ މީހެއްގެ ސޮއި ރަނގަޅަށް ސާފުވާނެ ގޮތަކަށް ހުދު ކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްޗެއްގައި ގަލަމަކުން ސޮއިކޮށްލުމަށް ފަހު އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓާ ހަވާލުވާން އިމިގްރޭޝަނަށް ދާއިރު އެ ސޮއިކުރަންޖެހޭނެއެވެ.

އީފާސް މެދުވެރިކޮށް ލޮގިން ވެވުން
ޕާސްޕޯޓު ހިދުމަތަށް އެދޭއިރު، އިމުގެ ޕޯޓަލް އަށް ރަޖިސްޓްރީކޮށް ވަކި އެކައުންޓެއް ހުޅުވަންޖެހެއެވެ. އެ ވަދަލާއެކު، އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގަ ޕޯޓަލް އަށް ލޮގިން ވެވޭނެ އެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް މިހާތަނަށް 125،600 އަށް ވުރެ ގިނަ ޕާސްޕޯޓު ވަނީ ހައްދާފައެވެ.