ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީގެ ދަފްތަރުގައި އެންމެ ގިނަ މީހުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ހާމަކުރި ތަފާސް ހޮސާބަށް ބަލާއިރު، އެމްޑީޕީގައި 58،035 މެންބަރުން އެބަތިއްބެވެ. ދެވަނަ އަށް މެންބަރުން އެންމެގިނަ ޕާޓީގެ ގޮތުގައި ޕޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ 38،831 މެންބަރުންނާއެކުގައެވެ. އަދި ތިންވަނަ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ 22،705 މެންބަރުންނާއެކުގައެވެ.

Ad
rt

މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި 10،227 މެންބަރުން ތިބިއިރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި ތިބީ 9،729 މެންބަރުންނެވެ. އަދި އަދާލަތު ޕާޓީ ގައި 9،595 މެންބަރުން ތިބިކަމަށް ދައްކާއިރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 3،139 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސް ހިސާބަށް ބަލާއިރު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގައި 3،014 މެންބަރުން އެބަތޮއްބެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި ތިބީ 2،892 މެންބަރުންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށް ބުނާއިރު، ތިން ހާސް ހަމަނުވާ ޕާޓީތައް އުވާލާނެއެވެ.

އެހެންކަމުން މި ތަފާސް ހިސާބަށް ބަލާއިރު، ފައިސާ ލިބޭ އަދަދު ހަމަވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ.

ޕީއެންސީ އާއި އެމްޓީޑީގައި ވެސް ތިން ހާސް މެންބަރުން ކިރިޔާ ހަމަވާއިރު، އެމްއާރްއެމް ގައި އަދިވެސް ތިން ހާސް ހަމަނުވާކަމަށް ދައްކައެވެ.