ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައިކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މީސްމީޑިޔާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

Ad
rt

އެމެސެޖުގައި ވިދާޅުވެފައިވަނީ، އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި) ، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އެބައޮތްކަމުގަ އެވެ.

އެކަމަށް 42 މިލިއަން ޑޮލަރު ހަމަޖެހިފަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިދައުރުގައި މަސައްކަތްތައްފެށޭނެ. އަދި ނިންމާނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގަ. ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފަ."

މަޙްލޫފް ވިދާޅުވެފައިވެއެވެ.

ގދ. ތިނަދޫ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، އިތުރުން ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތައް މި އަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މީގެ ކުރިން ވިދާޅުވި އެވެ.

މިސިންތެޓިކް ޓްރެކްތަކުގެ މަސައްކަތް ކުރިއަށްނުދާތީ އެކަމާއި ބެހޭގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިދިޔަ އަހަރުގެ އޮކްޓޮބަރު މަހު މަޖިލީހުގައި ކުރެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ޕްލޭންކުރީ ބަޖެޓުގެ ތެރެއިން އެ ޓްރެކް އެޅުމުގެ މަސަައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެކަމަށް ހުރަސް އެޅިފައިވާ ކަމަށާއި، މިހާރު އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ، އެލްއޯސީގެ ތެރެއިން ކަނޑައަޅާފައިވާ 40 މިލިޔަން ޑޮލަރުގެ ތެރެއިން ކަމަށް، އަދި އޭގެ ތެރޭގައި ހިތަދޫ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުއްދުފުށީގައި ޓްރެކް ހެދުންވެސް މި ޕްރޮޖެކްޓްގައި ހިމެނޭ ކަމަށް މިނިސްޓަރ އެދުވަހުވެސް ވިދާޅުވެފައިވެއެވެ.

ޓްރެކްތައް ހަދަން ފެށުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި ޕްރީ ކޮލިފިކޭޝަންގެ ޕޭޕަރުތައް ނިމި، ކުރިއަށް އޮތް ހަތަރު މަސް ދުވަހެއްގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށްވެސް އެއިރު މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިންތެޓިކް ޓްރެކް އަޅަން ފަށާނެކަމަށް މިނސިްޓަރ އިޢުލާން ކުރެއްވީ 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.