ރާއްޖެއަށް އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކުރި މައްސަލާގައި ދެ މީހަކު ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

2020 ވަނަ އަހަރުގެ މާޗް މަހު މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރި 61 ކިލޯ ޑްރަގް މައްސަލާގެ ތަހުގީގުގައި ފޯނު ހުޅުވަން ދެކޮޅު ހެދީ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރި މ. ބޮއިލިންފިޝް އަހުމަދު ވިސާމާއި މ. ވިރާހް މުހައްމަދު ޝާމިންގެ މައްޗަށެވެ.

Ad
rt

މި ދެ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމުން އެ ދައުވާ ސާބިތު ނުވި އެވެ. ނަމަވެސް ފޯނު ހުޅުވަން ދެކޮޅު ހެދި މައްސަލާގައި ކުރި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި އެވެ.

އެ ދައުވާކުރީ ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރުކޮށް, ހެކި ފޮރުވާފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ ވިސާމާއި ޝާމިން ދައުވާއަށް އިންކާރުކުރި ނަމަވެސް ކޯޓު އަމުރާ ހިލާފްވެ, ފޯނު ހުޅުވަން އެ މީހުން ދެކޮޅު ހެދިކަން ސާބިތުވާ ކަމަށެވެ.

މި ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ވިސާމް ބަންދުގައި ދެ އަަހަރު ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

އެކަމަކުޝާމިން ބަންދުގައި ހޭދަކުރި ހަތް މަސް ދުވަސް އުނިކުރުމުން ބާކީ އޮތީ 11 މަހުގެ ޖަލު އަދަބެކެވެ. އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓުން ނިންމީ އޭގެ ތެރެއިން ހަ މަހުގެ ޖަލު އަދަބު ގޭ ބަންދަށް ބަދަލުކޮށް އަދި ބާކީ ފަސް މަސް ޖޫރިމަނާއަށް ބަދަލު ކުރުމަށެވެ.

ހަ މަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހެނީ އެއް އަހަރުގެ ގޭ ބަންދަކަށެވެ. އަދި ފަސް މަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ދައްކަން ޖެހެނީ 32,6000 ރުފިޔާ އެވެ. މި ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވަނީ އަންގައިފަ އެވެ.

އެ މައްސަލާގައި މަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވި އެހެން ހަ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި ވަނީ އިއްވައިފަ އެވެ.