ފާއިތުވި ފަނަރަ ވަރަކަށް އަހަރުތެރޭ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ ކަމުގައި އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޗެލްސީ ޕްރިމިއާ ލީގުގެ ގަދަބާރަކަށް ހެދީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމިވިޗް 2003 ވަނަ އަހަރު އެ ކްލަބް ގަތުމަށް ފަހުއެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި ޕްރިމިއާ ލީގުގެ ޓީމްތަކުގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައި ވަނީ ވެސް ޗެލްސީންނެވެ. އެ ޓީމުން 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 21 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ތަށި ފަސްފަހަރު އަދި ޗެމްޕިއަންސް ލީގު ތަށި ދެފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ.

Ad
rt

ނަމަވެސް 2022 ވަނަ އަހަރު އިންގްލެންޑުގައި ރޯމަން އަބްރަހަމޮވިޗަށް ދިމާވި ފިއްތުންތަކާއި ގުޅިގެން އޭނާ އެ ޓީމް ވިއްކާލިފަހުން އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވެއެވެ. މިގޮތުން ފާއިތުވި ސީޒަންގައި އެ ޓީމުން ދެ ކޯޗުން ބޭރުކޮށް ބޮޑު ޚަރަދުކުރި ނަމަވެސް ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ 12 ވަނާގައި އޮވެއެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 51 އަހަރުގެ ޕޮޗެޓީނޯއަކީ ޕްރިމިއާ ލީގުގެ ތަޖުރިބާހުރި ކޯޗެކެވެ. މީގެކުރިން އޭނާވަނީ ޕްރިމިއާ ލީގުގެ ޓޮޓެންހަމަށާއި ސައުތެމްޓަނަށް ވެސް އިރުޝާދު ދީފައެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރު ޓޮޓެންހަމް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނެވެ. އެއީ އިންގްލެންޑްގައި އޭނާއަށް ހޯދުނު އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބެވެ. މީގެ އިތުރުން ފްރާންސްގެ ޕީއެސްޖީއަށް ވެސް މީގެކުރިން އޭނާ ވަނީ ކޯޗު ކޮށްދީފައެވެ.

އައު ސީޒަނަށް ޗެލްސީން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، މީޑީއާއާއި ވާހަކަ ދައްކަމުން އޭނާ ބުނީ ފާއިތުވި ދިހައެއް، ބާރަ ނުވަތަ ފަނަރަވަރަކަށް އަހަރުތެރޭ އިންގްލެންޑްގައި އޮތް އެންމެ މޮޅު ޓީމަކީ ޗެލްސީ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އޭނާއަށް ޗެލްސީގެ އާދަކާދައިގެ އިތުރުން ޕްރިމިއާ ލީގު ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަދި ހަމަ އެހެންމެ އެ ޓީމުން ކާމިޔާބީ ހޯދަން ނުކުންނައިރު ކުލަބުގެ ސަޕޯޓަރުން ވެސް އުފަލުން ތިބިކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ކުރިއާ ޚިލާފަށް މިހާރު ޗެލްސީގައި އޮތީ ޒުވާން ޓީމެއް ކަމަށާއި، ޒުވާން ޓީމަކާއިއެކު މަސައްކަތް ކޮށްލަން ލިބުމަކީ އުފަލެއް ކަމަށެވެ. ނަމަވެސް ރަނގަޅު ޓީމެއް ބިނާކޮށް ކާމިޔާބު ހޯދަން ކުރިއަށް އޮތްތަނުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޗެލްސީ ފުޓްބޯޅަ ކުލަބުގައި މަސައްކަތް ކޮށްލަން ލިބުމަކީ ފަހުރަކާއި ޝަރަފެއް ކަމަށާއި އެކަމާ އޭނާ ވަރަށް އުފާކުރާ ކަމަށާއި މިއީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބަށް ވުމުން މި ޓީމުގެ ކޯޗުކަމާއި ހަވާލުވުމަށް ލިބުނު ދައުވަތު ގަބޫލުކުރަން ފަސޭހަވެގެން ދިޔަކަމުގައި އޭނާ ވަނީ ބުނެފައެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޗެލްސީން އައު ސީޒަނަށް ތައްޔާރުވަމުން އަންނައިރު އެ ޓީމުން ވަނީ މިހާރު ވެސް ގިނަ ކުޅުންތެރިންތަކެއް ވިއްކާލާފައެވެ. މިގޮތުން ޑިފެންޑަރ ކަލިދޫ ކުލިބާލީ، ކީޕަރ އެޑުއާޑް މެންޑީގެ އިތުރުން ކަންޓޭ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ. އިންގްލެންޑް މިޑްފީލްޑަރ މައުންޓް ޔުނައިޓެޑަށް ބަދަލުވެފައިވާއިރު ލޮފްޓަސް ޗީކް ވަނީ އޭސީ މިލާނާއި ގުޅިފައެވެ. މީގެ އިތުރުން ކޮވަސިޗް ވަނީ މެންޗެސްޓާ ސިޓީއާއި ގުޅިފައެވެ. އަދި ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް ވަނީ އާސެނަލަށް ސޮއި ކޮށްފައެވެ.