ސިޔާސީ މަސައްކަތުގައި ކުރި ނުހޯދި އާއިލާއަށް ހަމަލާ ދިނުމަކީ ފިނޑި ޢަމަލެއް ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ހުއްޓުވާނަމޭ ހިތާ، އާއިލާއަށް ހަމަލާ ދިނުމަށް ރާވާ، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ.

Ad
rt

އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ނުގޮވާކަ ވަކި އެއްޗެއް ނެތް ކަމަށާއި ނާޅުވާކަ ބަދުނާމެއް އިތުރަށް ނެތް ކަމަށެވެ. އެހެންނަމަވެސް ފަހަތަކަށް ނުޖެހޭ ކަމަށެވެ.

އޭނާގެ ކޮއްކޮއަށާއި އާއިލާއަށާއި، ޚުދު އޭނާއަށް ވެސް ތަކުރާރުކޮށް އިންޒާރުދީ ހަދާކަން ފާހަގަކޮށް، އޭނާ ބުނީ އެތަކެއް ފަހަރަކު އިންޒާރު ދިނުމަށްފަހު އެއްބަޑު އެއްބަފާ ކޮއްކޮއަށް ހަމަލަދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ގޮތުން ކުރާ މަސައްކަތަކީ އެއްވެސް ހާލެއްގައި ގަޔަށް ބޮލަށް އަރައި، ހަމަލާދީ މާރާމާރީ ހިންގަންޖެހޭ ކަމެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ދޭ އިންޒާރަކަށާއި، ދައްކާ ވާހަކައަކަށް ބިރަށް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މި ވާހަކަތައް ވިދާޅުވެ، މޫކޭ ކުރައްވާފައިވާ ޓްވީޓުގައި މޫކޭގެ ކޮއްކޮއަށް ދީފައިވާ ހަމަލާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. އަދި އެ ހަމަލާދީފައިވަނީ ކޮންދުވަހަކު ކަމެއް ވެސް ހާމަކުރައްވާފައެއް ނުވެއެވެ.