ޓްވިޓާ އިން ދުވާލެއްގެ މައްޗަށް ބެލޭނެ ޓްވީޓްގެ އަދަދަށް ވަގުތީ ލިމިޓެއް ކަނޑައަޅާފައިވާ ކަމަށް ޓްވިޓާގެ ވެރިޔާ އެލޮން މާސްކް ބުނެފި އެވެ.
އަމިއްލަ ޓްވީޓެއްގައި އެލޮން ވިދާޅުވީ ވެރިފައި ނުކުރެވި ހުރި އެކައުންޓްތަކަށް ދުވާލަކު ބެލޭނެ ޓްވީޓްތަކުގެ އަދަދު 1،000 އަށް ލިމިޓްކޮށްފައިވާ ކަމަށެވެ. އަދި އަލަށް ހުޅުވާ މިފަދަ އެކައުންޓްތަކަށް ދުވާލަކަށް ބެލޭނީ 500 ޓްވީޓް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން "ވެރިފައިޑް" ސްޓޭޓަސް ލިބިފައިވާ އެކައުންޓްތަކަށް ދުވާލަކު ބެލޭނީ 10،000 ޕޯސްޓް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަގުތީ މި ފިޔަވަޅުތަކަކީ"ޑޭޓާ ސްކްރޭޕިން އާއި ސިސްޓަމް މެނިޕިއުލޭޝަން" ހައްލުކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކެއް ކަމަށެވެ.
މި ފިޔަވަޅަކީ "ވަގުތީ ކުއްލި ފިޔަވަޅެއް" ކަމަށް ސިފަކޮށްފައިވެ އެވެ.
ޑޭޓާ ސްކްރޭޕިން އިން މިސްޓަރ މާސްކް އިޝާރާތް ކުރައްވަނީ ކޮން އެއްޗަކަށް ކަމެއް މުޅިން ސާފެއް ނުވި ނަމަވެސް ޑޭޓާ ސްކްރޭޕިން އަކީ އިންޓަނެޓުން މައުލޫމާތު ވަގަށް ނެގުމެވެ.
އެލޮން ގެންދަވަނީ ފައިސާ ދައްކައިގެން ބޭނުންކުރެވޭ ޓްވިޓަރ ބްލޫ ބޭނުންކުރަން މަގުފަހިވާނެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރު ގިނަ ޔޫޒަރުންނަށް ވެރިފައި ކުރުމަށް މަހަކު 8 ޑޮލަރު (6.30 ޕައުންޑް) އިން ފެށިގެން ސަބްސްކްރިޕްޝަން ފީއެއް ދައްކަން ޖެހެ އެވެ.
އެލޮން ޓްވިޓާ ކުންފުނި ގަތްތާ މާގިނަ ދުވަހެއް ނުވެ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 8،000 އިން 1،500 އަށް ކުޑަކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!