ޗެލްސީއަށް ކުޅެމުންއައި ސްޕެއިންގެ ފުލްބެކް ސެޒާ އަޒްޕިލްކުއޭޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ޗެލްސީއާއިއެކު އަޒްޕިލްކުއޭޓާ ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، އޭނާ މިވަނީ ފްރީ ޓްރާންސްފާއެއްގައި ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އެތުލެޓިކޯއަށް ސޮއި ކޮށްފައެވެ.

Ad
rt

އަޒްޕިލްކުއޭޓާ ހޯދުމުގެ މަސައްކަތް އިޓަލީގެ އިންޓަ މިލާނުން ވެސް ކުރިއެވެ. ނަމަވެސް އިޓަލީއަށް ބަދަލުވުމުގެ ބަދަލުގައި އޭނާ ބޭނުންވީ އަމިއްލަ ގައުމުގައި އާއިލާ ކައިރީ ކެރިއާގެ ބާކީބައި ހޭދަކުރާށެވެ.

އަޒްޕިލްކުއޭޓާއަކީ މި ޓްރާންސްފާ މާކެޓްގައި ޗެލްސީ ދޫކޮށްލި ފަސްވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން މިހާތަނަށް ޗެލްސީ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަލީދޫ ކުލިބަލީ، އެންގޯލޯ ކާންޓޭ، ކީޕަރު އެޑުއާޑް މެންޑީ، މޭސަން މައުންޓްގެ އިތުރުން ކައި ހަވާޓްޒް އެވެ.

އުމުރުން 33 އަހަރުގެ އަޒްޕިލްކުއޭޓާ ވަނީ ފާއިތުވި އެގާރަ އަހަރު ޗެލްސީއަށް ކުޅެ އެ ޓީމްގެ ކެޕްޓަންކަން ކޮށް ގިނަ ކާމިޔާބީތަކެއް ވެސް އެ ޓީމާއިއެކު ހޯދާފައެވެ.