ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ސެސް ފެބްރިގާސް ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފައި ވަނީ އިއްޔެއެވެ. ކުޅުން ހުއްޓާލަން ނިންމިއިރު އޭނާ ހުރީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮމޯއާ ގައެވެ. އެ ޓީމާއިއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި އޭނާ ހުރިއިރު، އޭނާ ކުޅުން ހުއްޓާލާފައި މިވަނީ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ. އުމުރުން 36 އަހަރުގެ ފެބްރިގާސް ދެން ފެންނާނީ އެ ޓީމުގެ ކޯޗުގެ މަގާމުންނެވެ.
ބާސާ އެކަޑަމީން ތަމްރީންވެގެން ނުކުތް ފެބްރިގާސްގެ ސީނިއާ ކެރިއާ ފަށާފައިވަނީ 2004 ވަނަ އަހަރު އާސެނަލުންނެވެ. އޭނާވަނީ 2011 ވަނަ އަހަރުގެ ނިޔަލަށް އާސެނަލްއަށް ކުޅެފައެވެ. އެ މުއްދަތުގައި އާސެނަލްގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޭނާއެވެ. އޭނާ ވަނީ އާސެނަލްގެ ކެޕްޓަން ކަން ވެސް ކޮށްފައެވެ. އާސެނަލްއާއިއެކު އިނގިރޭސި އެފްއޭ ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާ އާސެނަލް ޖޯޒީގައި 212 މެޗު ވަނީ ކުޅެފައެވެ.
އާސެނަލް ދޫކޮށް ފެބްރިގާސް ބާސާއަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. ފެބްރިގާސް ވަނީ ބާސާގައި ކާމިޔާބު ކެރިއާއެއް ހޭދަކޮށްފައެވެ. މިގޮތުން އޭނާ ވަނީ ބާސާއާއިއެކު ސްޕެނިޝް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
ބާސާ ދޫކޮށް 2014 ވަނަ އަހަރު ފެބްރިގާސް ދެން ބަދަލުވީ ޗެލްސީއަށެވެ. ޗެލްސީއާއިއެކު ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބު ކުރިއެވެ. އެއަށްފަހު ދެން އޭނާ ގުޅުނީ މޮނާކޯއާއެވެ.
ފެބްރިގާސް އަކީ ސްޕެއިންގެ ރަން ޖީލުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްޕެއިން ޓީމާއިއެކު 2008 ވަނަ އަހަރާއި 12 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ސްޕެއިން ޓީމާއިއެކު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!